ޓުއަރިޒަމް

ދެ ކުންފުންޏަކުން ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލަނީ


އަނަންތަރާ އާއި އަވާނީ ހޮޓެލް އެންޑް ރިސޯޓް އިން ޕްލާސްޓިކް ހޮޅި ބޭނުންކުރުން ހުއްޓާލަން ނިންމައިފިއެވެ. މިދެ ކުންފުނިން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ހިންގަމުންއަންނަ ހުރިހާ ރިސޯޓްތަކާއި ހޮޓާތަކެއްގައި ޕްލާސްޓިކް ހޮޅީގެ ބަދަލުގައި ބޭނުންކުރާނީ އޮނުން ހަދާފައިވާ ހޮޅިކަމަށެވެ.

މި ނިންމުމާއިއެކު މިދެ ކުންފުނި ވެފައިވަނީ ހޮޓެލް ބްރޭންޑްތަކުގެ ތެރެއިން މުޅި ކުންފުނި ޝާމިލްވާފަދަ ގޮތަކަށް އޭޝިޔާ ސަރަހައްދުގައިވެސް މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ކުންފުނީގެ ގޮތުގައެވެ.

އަނަންތަރާ އާއި އަވާނީ ބްރޭންޑްގެ ފައުންޑަރ، ސީއީއޯ އަދި ޗެއަރމަން ވިލިއަމް ހައިނެކަރ ވިދާޅުވީ ދާއިރާގެ ލީޑަރުންގެ ގޮތުގައި ޕްލާސްޓިކް ބޭނުންކުރާ މިންވަރު ދަށްކުރުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި މީގެ ސަބަބުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށާއި، މި ނިންމުމުގެ ސަބަބުން އޭސިޔާ ސަރަހައްދުގައި އެކަނިވެސް 2.5 މިލިއަން ޕްލާސްޓިކް ހޮޅި ސަލާމަތްކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/15159524027803.jpg|އަނަންތަރާ ރިސޯރޓް

މިދެ ކުންފުނިން ބުނީ މި ދާއިރާގައި ހަރަކާތްތެރިވާ އެހެން ކުންފުނިތަކުންވެސް އެމީހުންގެ މި މަސައްކަތުން މިސާލެއްކަމަށް ބަލައިގެން ޕްލާސްޓިކް ބޭނުންކުރުން މަދުކުރާނެކަމަށް އުންމީދުކުރާކަމަށެވެ.

ދުނިޔޭގައި އަހަރެއްގެ މައްޗަށް 300 މިލިއަން ޓަނުގެ ޕްލާސްޓިކް އުފައްދާއިރު މީގެތެރެއިން 8.8 މިލިއަންޓަނުގެ ޕްލާސްޓިކް އުކާލެވެނީ ކަނޑަށެވެ.

އަނަންތަރަ އިން އަންނަނީ ރާއްޖޭގައި 3 ރިސޯޓެއް ހިންގަމުންނެވެ. އެއީ އަނަންތަރާ ވެލި މޯލްޑިވްސް ރިސޯޓާއި އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓާއި އަނަންތަރާ ކިހަވައް މޯލްޑިވްސް ވިލާސް އެވެ. އަވާނީ ބްރޭންޑްއިން ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓް އަންނަ އަހަރު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.