ޓުއަރިޒަމް

މުޅި އަހަރުވެސް ރާއްޖެ އިސްތިހާރުކުރާނަން - މަޓާޓޯ


މިއަހަރުގެ ކޮންމެ މަހެއްގަވެސް ބައިނަލްއަޤްވާމީ ކޮންމެވެސް ސަރަހައްދެއްގައި ދިވެހިރާއްޖެ އިސްތިހާރުކުރާނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓްއަރ އޮޕަރޭޓާރސް (މަޓާޓޯ) އިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަޓާޓޯގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަސްރާ ނަސީމް ވިދާޅުވީ އެ އެސޯސިއޭޝަނުން ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެކަމަށެވެ. އެގޮތުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ކޮންމެ މަހެއްގައިވެސް ދުނިޔޭގެ ކޮންމެވެސް ސަރަހައްދެއްގައި ރާއްޖެ އިޝްތިހާރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. މި ހަރާކާތްތައް ފެށިގެންދާނީ ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ފެއަރ ކަމުގައިވާ ސާޓޭ ފެއަރއިންކަމަށް އަޝްރާ ފާހަގަކުރެއްވިއެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި މެދުއިރުމަތީގެ 4 ޤައުމެއްގައި ރޯޑް ޝޯތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަހަރު އިރާދަކުރެއްވިއްޔާ ހަމަ ކޮންމެ މަހެއްގައިވެސް އޮންނާނެ ހަމަ އިންޓަނޭޝަނަލް ޕްލެޓްފޯމްއެއްގައި މޯލްޑިވްސް ޑެސްޓިނޭޝަން ޕްރޮމޯޓްކުރުމުގެ ތަފާތު ހަރަކާތްތައް. މިމަހު އަޅުގަނޑުމެން މި ފަށަނީ އަޅުގަނޑުމެންގެ މި މަސައްކަތް އިންޑިއާއިން. ސައުތު އީސްޓް އޭޝިޔާގައި ބާއްވާ އެންމެ ބޮޑު ފެއަރ ކަމަށްވާ ސާޓޭ ފެއަރގައި މި ބައިވެރިވަނީ. މިދިޔަ އަހަރުވެސް މަޓާޓޯއިން ވަނީ މި ފެއަރގައި ބައިވެރިވެފަ." އަސްރާ ވިދާޅުވިއެވެ.

މުޅި އަހަރަށް ބަހާލައިގެން ގިނަ ފެއަރތަކަކާއި، ރޯޑްޝޯތައް އަދި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށްގެން ގިނަ ޓްރެއިނިންގ ޕްރޮގުރާމްތަކެއް ހިންގުމަށް މަޓާޓޯއިން ވަނީ ނިންމާފައެވެ. މަޓާޓޯއިން ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަޤްވާމީ މާކެޓްތަކުގައި އިޝްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ދާއިރާގެ އެކިއެކި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މިއަހަރުގެ ތެރޭގައި ސައުތު އީސްޓް އޭޝިޔާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށްވެސް އެ އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.