ޓުއަރިޒަމް

ރާއްޖެ އިޝްތިހާރުކުރަން ކުރެވޭ މަސައްކަތް ވަރަށް ކާމިޔާބު


ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރަމުންދާ މަސައްކަތުގައި މި ނިމުނު ޖެނުއަރީ މަހަކީ ކާމިޔާބު މަހެއްކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އިސްތިހާރުކުރުމުގެ މަސައްކަތް އެމްއެމްޕީއާރުސީން ދަނީ ކުރަމުންނެވެ. އެގޮތުން ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ ކަންތައްތަކެއް ކުރުމަށް އެމްއެމްޕީއާރުސީން ރާވައެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެކަނިވެސް އެ ކޯޕަރޭޝަނުން ވަނީ ބައިނަލްއަޤްވާމީ 5 ފެއަރއެއްގައި ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތް ކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ ޖެނުއަރީ މަހުގެ ތެރޭގައި އެކުންފުނިން ބައިވެރިވި ބައިނަލްއަޤުވާމީ ފެއަރތަކުން ބޮޑު ކާމިޔާބީތަކެއް ލިބިފައިވާކަމަށެވެ. އެގޮތުން ބައިވެރިވި ގިނަ އިވެންޓްތަކަކުން ގިނަ އެވޯޑްތަކެއް ރާއްޖެއަށް ލިބިފައިވާކަން ހާރިސް ފާހަގަކުރެއްވިއެވެ.

"5 އިވެންޓް ނިމިގެންދިޔައީ ވަރަށް ކާމިޔާބު 5 އިވެންޓްގެ ގޮތުގައި. އެގޮތުން ބައިވެރިވި ގިނަ އިވެންޓްތަކުން ބޮޑެތި އެވޯޑްތައްވެސް ޙާސިލްވެފަވަނީ. އަދި ބައިވެރިވި އިންޑަސްޓްރީގެ ޕާޓްނަރުންގެ އެމީހުންގެ ސެޓިސްފެކްޝަނަށް ބަލާލިކަމުގައިވީނަމަވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިފަވަނީ. އަދި ޒިޔާރަތްކުރި މީހުންނާއި، ބިޒްނަސް މީޓިންގ ތަކަށް ބަލާކަމުގައިވަނީނަމަވެސް މިދިޔަ އަހަރަށްވުރެ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިއްޖެ މިހާރުވެސް." އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވިއެވެ.

ހާރިސް ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހެދުމަށް އެމްއެމްޕީއާރުސީއާއި ޓޫރިޒަމް މިނިސްޓްރީން ކުރާ މަސައްކަތުގައި، ރާއްޖޭން ބޭރުގައި ޤާއިމްކޮށްފައިވާ ދިވެހި އެމްބަސީތަކާއި ބައިނަލްއަޤްވާމީ 9 ސަރަހައްދެއްގައި އެމްއެމްޕީއާރުސީން ކަނޑައަޅާފައި ތިބި ޕީއާރު އެޖެންޓުންގެ ދައުރުވެސް ބޮޑުކަމަށެވެ.

ޖެނުއަރީ މަހުގެ ތެރޭގައި އެމްއެމްފީއާރުސީން ބައިވެރިވެފައިވާ ފެއަރތަކުގެ ތެރޭގައި، ސްޕެއިންގެ މެޑްރިޑްގައި އޮތް ފިތޫރު ފެއަރއާއި ޖަރުމަނުގެ ޑެސެލްޑޯފް ގައި ބޭއްވި ބޫޓް ފެއަރއާއި، ސްވިޒަލެންޑްގެ ޒިއުރިކް ގައިއޮތް ފެސްޕޯ ފެއަރ ގެ އިތުރުން މުންބާއީގައި ކުރިއަށްދިޔަ އޯޓީއެމް ފެއަރ އާއި ތުރުކީގެ އިސްތަންބޫލްގައި ބޭއްވި އީއެމްއައިޓީޓީ ފެއަރ ހިމެނެއެވެ. މިއަހަރުގެ ތެރޭގައި އިތުރު ފެއަރތަކުގައި ބައިވެރިވުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.