މިއަހަރުގެ ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއަރ ބޭއްވުުމުގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުންކަމަށް މޯލްޑިވްސް ގެޓަވޭސުން ބުނެފިއެވެ.
މޯލްޑިވްސް ގެޓަވޭސްއިން އިންތިޒާމްކޮށްގެން ބާއްވާ ޓީޓީއެމް ފެއަރއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އޭޖެންޓުންނާއި ގުޅުވާލުމަށް ކުރިއަށް ގެންދާ ފެއަރއެކެވެ.
މި ފެއަރއާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ގެޓަވޭސްގެ އެސިސްޓެންޓް މެނޭޖަރ ޕީއާރު އެންޑް އިވެންޓް ފުރާތު މުޙައްމަދު ވިދާޅުވީ މިއަހަރުގެ ޓީޓީއެމް ފެއަރގެ ތެރެއިން، ދިވެހިރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރާނެކަމަށެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން ޒިޔަރަތްކުރިނަމަވެސް އަމާޒަކީ 2020 ވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ކޮންމެ އަހަރަކުވެސް 2 މިލިއަން ފަތުރުވެރިން ގެނައުންކަމަށް ފުރަތު ވިދާޅުވިއެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެންގެ ލިބިފައިނީ 1.3 މިލިއަން ޓޫރިސްޓުން އިނގޭތޯ. އެހެންވީމަ މިއަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ 2020 ވަނަ އަހަރު އައުމުގެ ކުރިން އެ ޓާގެޓް ރީޗްކޮށް ރާއްޖެއަކީ 2 މިލިއަން ޓޫރިސްޓުން ކޮންމެ އަހަރަކުވެސް އަންނަ ޤައުމަކަށް ހެދުން." މޯލްޑިވްސް ގެޓަވޭސްގެ އެސިސްޓެންޓް މެނޭޖަރ ޕީއާރު އެންޑް އިވެންޓް ފުރާތު މުޙައްމަދު ވިދާޅުވިއެވެ.
ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެވޭ ނެޓްވޯކިންގ ސެޝަނެކެވެ. މިއަހަރުގެ ޓީޓީއެމް ފެއަރ އޮންނާނީ މޭ މަހުގެ 1 ކުން 3 ކަށެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ޓީޓީއެމް ފެއަރގެ ތެރެއިން ހޮޓެލިއާ ސަމިޓަކާއި، ގެސްޓްހައުސް އެކްސްޕޯއަކާއި، ޑައިވް އެކްސްޕޯއެއްގެ އިތުރުން ސަޕްލައި އެކްސްޕޯއެއް ކުރިއަށްދާނެކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.
މިއަހަރުގެ ޓީޓީއެމް ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މި ފެއަރއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ. މިދިޔަ އަހަރުގެ ކާމިޔާބީއަށް ބެލުމަށްފަހު މިއަހަރު 150 ރިސޯޓުން ބައިވެރިވާނެކަމަށް މޯލްޑިވްސް ގެޓްއަވޭސްއިން އަންދާޒާކުރެއެވެ.
މި ޓްރެވަލް ޓްރޭޑް ޝޯއަކީ ރާއްޖޭގެ ރިސޯޓްތަކާއި ރިސޯޓް ސެގްމަންޓްގައި ހުރި ޕްރޮޕަޓީތައް ޕްރޮމޯޓްކުރުމަށް ބާއްވަން ހަމަޖައްސާފައިވާ އިވެންޓެކެވެ.