ޓުއަރިޒަމް

ޑިސެމްބަރު މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %20 އިތުރު


މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ ޑިސެމްބަރ މަހާއި އަޅާބަލާއިރު ވިހި އިންސައްތަ އިތުރުވެއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ނެރެފައިވާ ޢިޤްތިސާދީ ރިވިއު ބުނާގޮތުން 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވެފައިވަނީ ޔޫރަޕާއި އޭޝިއާ އަދި ޕެސިފިކް ޤައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވުމާ ގުޅިގެންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 143،041 އެވެ. މިއީ 2016 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު %20 އިތުރު އަދަދެކެވެ. މި މުއްދަތުގެ ތެރޭގައި ރިސޯޓުތަކުގައި ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ %31 އިތުރުވެފައެވެ.

އަހަރުން އަހަރަށް ބަލާއިރު، ޑިސެމްބަރު މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވެފައިވަނީ ޔޫރަޕާއި އޭޝިއާ އަދި ޕެސިފިކް ޤައުމުތަކުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު އިތުރުވުމާ ގުޅިގެންނެވެ. ޔޫރަޕުގެ މާކެޓްތަކުގެ ތެރެއިން ފަތުރުވެރިން ޒިޔާރަތްކުރި އަދަދު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ އިޓަލީއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ރަޝިއާ، އިނގިރޭސިވިލާތް އަދި ޖަރުމަނުން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް މި މުއްދަތުގެ ތެރޭގައި ވަނީ އިތުރުވެފައެވެ.

އޭޝިއާ އަދި ޕެސިފިކް ޤައުމުތަކުގެ ތެރެއިން، ޗައިނާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. ހަމައެއާއެކު، އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވެސް ވަނީ މި މުއްދަތު ތެރޭގައި އިތުރުވެފައެވެ.

ރާއްޖޭގައި ފަތުރުވެރިން ހޭދަކޮށްފައިވާ މުއްދަތުވެސް ފާއިތުވި ޑިސެމްބަރ މަހުވަނީ އިތުރުވެފައެވެ. 2016 ވަނަ އަހަރުގެ ޑިސެންބަރު މަހު ފަތުރުވެރިން ރާއްޖޭގައި ހޭދަކޮށްފައިވަނީ 5.7 ދުވަހެވެ. ނަމަވެސް ފާއިތުވި ޑިސެމްބަރު މަހު މި އަދަދު ވަނީ 6.1 އަށް މަތިވެފައެވެ. 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިސޯޓުތަކުގެ އޮކިއުޕަންސީ ރޭޓް %69 ގައި ހުރުމަށްފަހު ފާއިތުވި ޑިސެމްބަރު މަހު ވަނީ %81 އިތުރުވެފައެވެ.