ކުޅިވަރު

ޓީސީ ބަލިކޮށް ނިއު މާލޭ ލީގުގެ ފެށުން ރަނގަޅުކޮށްފި


ވާދަވެރި ޓީ.ސީގެ މައްޗަށް ތިން ލަނޑުގެ ތަފާތުން ކުރި ހޯދާ ނިއުރޭޑިއަންޓް މާލޭ ލީގް މޮޅަކުން ފަށައިފިއެވެ.

އެސް.ޓީ.އޯ މާލޭ ލީގުގައި މިއަދު ހަވީރު ޓީ.ސީ ސްޕޯޓްސް ކްލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ނިއު ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މިމެޗުގައި ނިއުރޭޑިއަންޓުގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ މިސީޒަންގައި އަލުން ނިއުރޭޑިއަންޓާއި ގުޅުނު މުޙައްމަދު އުމެއިރެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި ޓީސީއަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ލިބިފައެވެ. މިގޮތުން ޓީ.ސީގެ ބިދޭސީ މިޑްފިލްޑަރ އެނަޓޯލީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ނިއުރޭޑިއަންޓް ގޯލްގެ މަތީ ދަނޑިއަށެވެ. މީގެއިތުރުން ޓީމުގެ ފަހަތަށް ކުޅުނު އަޙުމަދު އައިހަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަވެސް  ކީޕަރު އިމްރާނުގެ އަތުގައި ޖެހިފައި ޖެހުނީ މަތީ ދަނޑީގައެވެ. 

މެޗުގެ ދެވަނަ ހާފްގައި ޓީ.ސީއިން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަޙުމަދު ރިޟްވާން ބޯޅަ ނެތިސް ނިއުރޭޑިއަންޓުގެ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. ދިހަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޓީ.ސީއަށް ދެވަނަ ހާފްގައިވެސް ނަތީޖާ ހަމަ ހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އައިހަމް ދުރުން ފޮނުވާލި ބޯޅައިގެ ހުރަހަކަށް މިފަހަރު ވީ ގޯލުގެ އަރިމަތީ ދަނޑިއެވެ.

މިމެޗުގައި ޓީ.ސީއަށް އަލަށް ކުޅުނު އެޓީމުގެ ގޯލް ކީޕަރު އިބްރާހިމް އިފްރާހް އަރީފްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ. އިފްރާޙް ވަނީ ނިއުރޭޑިއަންޓްގެ ކުޅުން ތެރިންނަށް ލިބުނު ގިނަ ހުސް ފުރުސަތުތަކެއް ދިފާއު ކޮށްފައެވެ.

ނިއުރޭޑިއަންޓުން މިމެޗުގައި ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ހަމްޒާއެވެ. މި ލަނޑު އެޓީމުން ޖަހާފައިވަނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އަދި އެޓީމްގެ ތިން ވަނަ ލަނޑު މެޗުގެ ނުވަދިހަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިއުރޭޑިއަންޓްގެ ޖޯޒީގައި އަލަށް ކުޅުނު އަފްޣާނިސްތާނުގެ ޑިފެންޑަރު ހާރޫން އަމީރީއެވެ.

މެޗަށް ފަހު ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބްރޫޒޮން ބުނީ މެޗު ބޮޑަށް ޑޮމިނޭޓްކޮށްގެން ކުޅުނީ އޭނާގެ ޓީމް ކަމަށެވެ. އަދި ނުވަދިހަ މިނެޓް އެއް ލެވަލްއެއްގެ ހިފަހައްޓާލެވުނު ކަމަށާއި އެކަމުން އޭނާގެ ޓީމް އާސީޒަނަށް ރަނގަޅަށް ތައްޔާރުވެފައިވާކަން އެނގިގެން ހިނގައްޖެ ކަމަށެވެ.

"އަހަރުމެން މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ، ގިނަ ފުރުސަތުވެސް ހޯދިން، ސީޒަނަށް އެކަށީގެންވާ ވަރަށް ޓީމް ތައްޔާރުވެފައި އޮތްކަން އެނގިއްޖެ" އޮސްކާ ބުންޏެވެ.

މެޗުން ބަލިވި ޓީ.ސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ އޭނާގެ ޓީމުން މިމެޗުގައި ދެއްކި ކުޅުމާމެދު ހިއްހަމަ ޖެހޭކަމަށެވެ. އެހެންނަމަވެސް މިހާ ވާދަވެރި މެޗެއްގެ ކުޅުންތެރިއެއް މަދުކޮށް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"ހިތްހަމަޖެހޭ ކުޅުންތެރިން ދެއްކި ހިތްވަރަށް، މީގަ ވާނެގޮތަކީ މިހާ ޓައިޓް މެޗެއްގައި އެކަކު މަދުކޮށް ކުޅެން ޖެހުނީމަ އެތަން ދައްކާނެ" ނިޒާމް ބުންޏެވެ.