ވެލާނާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާކިޔުމަށް ކުރިއަށްގެންދިޔަ ހަރަކާތަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު 7.5 މިލިއަން ފަތުރުވެރިންނަށް ރާއްޖެ ހުޅުވިގެންދާނެކަމަށެވެ. މިއާއިއެކު އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަށްވެސް އިތުރުކުރާނެކަމަށް ހާރިސް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ރޭވިފައިނެތް އިތުރު އިވެންޓްތަށްވެސް ރާއްޖެއިން ބޭރުގައި ކުރިއަށްގެންދިއުމަށް އެމްއެމްޕީއާރުސީން މިހަރު ވަނީ ނިންމާފައެވެ. އަދި މިމަހުން ފެށިގެން ކޮންމެ މަހަކުވެސް ރާއްޖެ އިޝްތިހާރުކުރުމަށް ބައިނަލްއަޤްވާމީ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް ހާރިސް ވިދާޅުވިއެވެ.
"ރާއްޖޭގެ މާކެޓިންގެ ކަންތައްތައް މިއަދު ރޭވިފަ އޮތްގޮތުން އަޅުގަނޑުމެން މިގެންދަނީ ރާއްޖޭގައި މިވަގުތުހުރި ކެޕޭސިޓީއާއި އެއްވަރަށް މާކެޓިންގެ ކަންތައްތައް ކުރިއަށްގެންދަމުން. އަދި އެހެންނަމަވެސް ﷲ އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތާންގައި އެއަރޕޯޓް ހުޅުވުމާ ގުޅިގެން އަޅުގަނޑުމެންގެ މާކެޓިން ކަންތައްތައް ވަރުގަދަކުރެވި، ރާއްޖެ ބްރޭންޑް ކުރުމާ ޕޮޒިޝަން ކުރުމުގެ ކަންތައްތައް ރާއްޖޭގެ ވިޒިބިލިޓީ އިތުރުކުރުމުގެ ކަންތައްތައް އޮންލައިން އޮފްލައިން މީޑިއާތަށް ބޭނުންކޮށްގެން ދުނިޔޭގައައި ބޭނުންކުރާ ހުރިހާ ޗެނަލްތަކާ، މީޑިއަމްސްތަކެއް ބޭނުންކޮށްގެން ކުރަމުންދާނެވާކަ އަޅުގަނޑު މިފުރުސަތުގައި ހުރިހާ އެންމެންނަށް ޔަޤީންކޮށްދެން." ހާރިސް މުޙައްމަދު ވިދާޅުވިއެވެ.
އައު ރަންވޭއާއެކު ދަތުރުކުރާ ފަސިންޖަރުންގެ ޓިކެޓްގެ އަގު ކުޑަވެ، ރަންވޭގެ މަސައްކަތްތަށް އަވަސްވެގެންދާނެކަން ހާރިސް ފާހަގަކުރެއްވިއެވެ. ރާއްޖެއިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ވަނީ %10.1 އިތުރުވެފައެވެ.