ޚަބަރު

ހއ ވަށަފަރުގައި ކޭކު ކޯހެއް ހިންގައިފި


މަޖީ ކޭކް ގެ ފަރާތުން ކޭކު އެޅުމުގެ ޝައުޤުވެރިކަން ހުރި ޒުވާނުންނަށް އަމާޒު ކޮށްގެން ހއ. ވަށަފަރުގައި ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހިންގައިފިއެވެ.

މި ކޯހަކީ ވަށަފަރު ޒުވާނުން އިސްނަގައިގެން މަޖީކޭކްސްއާއި ވަށަފަރު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. ޖުމްލަ 20 ބައިވެރިން ވަނީ މި ކޯހުގައި ބައިވެރިވެ ކޭކު އަޅަން ދަސްކުރިއެވެ. އެއީ ކޭކް ޑެކެރޭޝަން ބޭސިކްގައި ބައިވެރިވި 8 ބައިވެރިންނާއި އެޑްވާންސް ކޭކް ޑެކެރޭޝަންގައި ބައިވެރިވި 12 ބައިވެރިންނެވެ. މި ކޯހުގައި ވަނީ ކޭކު އެޅުމާއި ކޭކު ޒީނަތްތެރި ކުރުމުގެ މަސައްކަތް ދަސްކޮށްދީފައި އެވެ.

ހަތް ދުވަހުގެ މުއްދަތައް ހިންގި މި ކޯސް ނިންމި ބައިވެރިންނަށް އެކަމުގެ ސެޓްފިކެޓް މިއަދު ވަނީ ހަވާލުކޮށްފައެވެ. އަދި ކޭކު ކޯސް ނިންމުމުގެ ގޮތުން ކޯހުގެ ބައިވެރިން ކުރި މަސައްކަތް ދައްކުވައިދޭ ޚާއްސަ ކޭކު މަޢުރަޒެއް ވަށަފަރު ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވިއެވެ. މިމައުރަޒަށް ޢާއްމުންގެ ތަރުޙީބު ލިބުނުކަމަށް ޒުވާނުން ބުނެއެވެ.

މަޖީކޭކްސްގެ ފަރާތުން އަންނަނީ އަންނަ ޑިސެމްބަރ މަހު ހއ.ދިއްދޫގައި ކޭކް ކޯހެއް ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ.