ޚަބަރު

ޗައިނާ އިންޓަނޭޝަނަލް ޓްރެވެލް މާރޓް ގައި ރާއްޖެ އިޝްތިހާރުކުރަނީ


ޗައިނާ އިންޓަނޭޝަނަލް ޓްރެވެލް މާރޓް (ސީއައިޓީއެމް) ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. ޗައިނާގެ ޝަންހާއީގައި މިމަހުގެ 16 އިން 18 އަށް ކުރިއަށްދާ މި ފެއަރގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަނީ މޯލްޑިވްސް މާރކެޓިންގ އެނޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އެވެ. މި ފެއަރގައި ރާއްޖޭގެ 16 ކުންފުންޏަކުން 27 ފަރާތުން ވަނީ ބައިވެރިވިއެވެ.

ކޮންމެ އަހަރަކު އެއްފަހަރު ޗައިނާގެ ޝަންހާއީގައި ބާއްވާ މި ފެއަރއަކީ އޭޝިޔާ ޞަރަޙައްދުގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ޝޯއެވެ. މި ފެއަރގައި 79 ޤައުމަކުން ބައިވެރިވެއެވެ.

3 ދުވަހަށް ކުރިއަށްދާ މި ފެއަރގެ ފުރަތަމަ 2 ދުވަސް ޚާއްޞަކޮށްފައިވަނީ ވިޔަފާރި ބައްދަލުވުންތަކަށެވެ. މި ފެއަރ ކުރިއަށްދަނީ ޝަންހާއީ ނިއު އިންޓަނޭޝަނަލް އެކްސްޕޯ ސެންޓަރގައެވެ.

ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާރކެޓަކަށް ވާއިރު މި ފެއަރގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް އެހީތެރިވެދޭނެއެވެ. 2017 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ %22.1 ހިއްސާކުރަނީ ޗައިނާގެ ފަތުރުވެރިންނެވެ. އެއީ ޖުމްލަ 306،530 ފަތުރުވެރިންނެވެ.