ރާއްޖޭގެ މިސްކިތްތަކުގައި ކުރިއަށްގެންދާ ޤުރުއާން ކިޔަވައިދިމުމުގެ ޕްރޮގްރާމުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެއެވެ.
މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިދިޔަ މަހުގެ 10 ވަނަ ދުވަހު ރާއްޖޭގެ 11 އަތޮޅެއްގެ 17 މިސްކިތެއްގައި ޤުރުއާން ކިޔަވައިދިނުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްފައިވާއިރު އޭރު އެ ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ 308 ކުދިންނެވެ. ކީރިތި ޤުރުއާނަށާއި މިސްކިތްތަކަށް، ކުޑަކުދިންގެ ހިތުގައި އޮންނަ ލޯބި އިތުރުކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢު ކުރިއަށްއޮތްތާގައި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސުޕައިވައިޒަރ އަޒްލީފް ލަޠީފް ވިދާޅުވީ މި ޕްރޮގްރާމަށް ކުޑަކުދިންނާ އެއްވަރަށް ބޮޑެތި މީހުންގެ ތަރުޙީބުވެސް ލިބެމުންދާކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ 17 އަތޮޅެއްގެ 45 މިސްކިތެއްގައި 2274 ދަރިވަރުން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށް އަޒްލީފް ވިދާޅުވިއެވެ. އަޒްލީފް ވިދާޅުވީ ކޮންމެ ދުވަހަކު އިތުރު މިސްކިތްތަކެއްގައި މި ޕްރޮގްރާމް ހިންގަން ފަށާއިރު، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޕްރޮގްރާމް ހިންގަން ފެށުންކަމަށެވެ.
"އެވްރެޖްކޮށް ކޮންމެ ދުވަހަކު 1.2 ނުވަތަ 1.5 މިސްކިތްތަކުގައި މި ޕްރޮގްރާމް ފެށިގެން ކުރިއަށްދޭ" އަޒްލީފް ވިދާޅުވިއެވެ.
ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލް އަޙްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ ޕްރޮގްރާމް ކުރިއަށްގެންދިޔަ ނަމަވެސް ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ޤުރުއާން ކްލާސްތަކަށް މިކަމުގެ ނޭދެވޭ އަސަރު ނުކުރާނެކަމަށެވެ.
"ސެޓްފިކެޓް ލެވެލްތަކަށް ހިންގާ ޤުރުއާން ކުލާސްތަކުގައި ބައިވެރިވާނެ ކުދިންތަކެއް މިކަމުގެ ސަބަބުން އުފެދިގެންދާނެ. މިކަމުގެ ސބަބަުން ޒުވާނުން މިސްކިތްތަކަށް ދާ މިންވަރު އިތުރުވެގެންދާނެ" އަޙްމަދު ސަޢީދު ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަކުރު ދަސްކުރުމާއި، ހިތުން ކިޔެވުމާއި، ބަލައިގެން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކެވެ. މިސްކިތްތަކުގައި ޤުރުއާން ކްލާސްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.