ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލާގައި އެއްވެސް ސިފައިންގެ މީހަކު ޒިންމާ ނަގަން ނުޖެހޭނެކަމަށް އޭރުގެ ސިފައިންގެ އެންމެ މަތީވެރިޔާ އަދި އޭރުގެ ރައީސް މުހައްމަދު ނަޝީދް ވިދާޅުވިކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯރސް މޭޖާރ ޖެނެރަލް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ނަޝީދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި މިރޭ ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ޝިޔާމް ވިދާޅުވީ ނަޝީދް އެހެން ވިދާޅުވީ ސިފައިންނާއި އެކު ބޭއްވި ބައްދަލްވުމުގެ ތެރެއިން އޮފިސަރަކު ސުވާލްކުރެއްވުމުންކަމަށެވެ. އަދި ސިފައިން ޒިންމާވާން ނުޖެހޭނެކަމަށް ނަޝީދް ވިދާޅުމުން އެކަން ލިޔުމަކުން ދެއްވުމަށް ނަޝީދްގެ ކިބައިން އޮފިސަރަކު އެދުނުކަމަށާއި ލިޔުމުން ދެއްވާނެކަމަށް ނަޝީދް ވިދާޅުވިކަމަށްވެސް އަހްމަދު ޝިޔާމް ވިދާޅުވިއެވެ.މިރޭގެ ޝަރީއަތުގައި ވާހަކަ ދައްކަމުން ޝިޔާމް ވިދާޅުވީ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ނަންގަވަންޖެހޭނީ ނަޝީދްއާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތުކަމަށެވެ. އެއީ އެ ދެބޭފުޅުންގެ ބަހެއް ނެތި އެފަދަ އޮޕަރޭޝަނެއް ސިފައިންނަށް ނުހިންގޭނެތީކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.މިރޭގެ އަޑުއެހުމުގައި ދެން ހެކިބަސް ދީފައިވަނީ އަބްދުﷲ މުހައްމަދު ގިރިފުށީގައި ހުންނެވި އިރު އޭނާގެ ސިއްހީ ކަންކަން ބެއްލެވި އެމްއެންޑީއެފްގެ މެޑިކަލް އޮފިސަރ ޑރ އަލީ ޝާހިދާއި ސައިކޮލަޖިސްޓް އައިޝަތު ޒީނާއެވެ. މި ދެމީހުންގެ ހެކިބަހުގައި އިސްގާޒީ ގިރިފުށީގައި ހުރި އިރު ކަންކަން ބަލަހައްޓަމުން ދިޔަގޮތުގެ ވާހަކަ ފިޔަވާ އެހެން ވާހަކައެއް ދައްކާފައި ނުވާއިރު އެމީހުންގެ ހެކިބަހުގައި ނަޝީދާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.މި މައްސަލައިގެ މިރޭ ބޭއްވި އަޑުއެހުން ގާޒީ ނިންމާވާލެއްވީ އިތުރު އަޑުއެހުމެއް އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނާނެކަން އިއުލާންކުރެއްވުމަށްފަހުގައެވެ.