ޚަބަރު

ކުޑަރިކިލު ކައުންސިލް އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ސަސްޕެންޑްކޮށްފި


ބ.އަތޮޅު ކުޑަރިކިލު ކައުންސިލް އިދާރާއިން ތިންލައްކައަކަށްވުރެ ގިނަ ފައިސާ ގެއްލުމުގެ ތުހުމަތުގައި އެ ކައުންސިލް އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ސަސްޕެންޑްކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިފައިސާތައް ގެއއްލިފައިވަނީ ކައުންސިލްގެ ތިޖޫރީންނާ ބެންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންސިލްގެ ހަތަރުވަނަ އެކައުންޓުންނެވެ. މިފައިސާ ގެއްލުނުކަން ހާމަވީ މިމަހުގެ 17 ވަނަދުވަހު ކައުންސިލްތަކުގެ ޢާންމު އޮޑިޓް ކުރުމުންކަމަށް މަޢުލޫމާތުލިބެއެވެ.

އޮޑިޓް އޮފީހުން މިމައްސަލައާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނާ ގޮތުން، މިމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުންވަނީ މިފައިސާ ނެގިކަމަށް އިޢުތިރާފުވެފައިކަމަށް މަޢުލޫމާތުލިބެއެވެ. އަދި އެބަޔާނުގައި ވާގޮތުން ކައުންސިލްގެ ރައީސާއި ފައިނޭސް އޮފިސަރުގެ ސޮއި އަމިއްލައަށްކޮށްފައިވާކަމަށްވެސް މިމައްސަލައިގައު ތުހުމަތު ކުރެވޭ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް ވިދާޅުވީ މިފައިސާ ގެއްލުނުކަން މީގެކުރިން ކައުންސިލް އިދާރާގެ މުވައްޒަފުންނަށްވެސް އެނގިފައި ނުވާކަމަށާ، ގެއްލުނުކަން ނުވަތަ އެކައުންޓުން ފައިސާ މަދުވިކަން އެންގުނީ މިމަހުގެ 17ވަނަ ދުވަހު ކައުންސިލްތަކުގެ ޢާންމު އޮޑިޓް ކުރުމުންކަމަށެވެ. ބ.އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަޙުޤީގް ކުރަމުންނެވެ.