ޚަބަރު

ސްކައުޓާއި ގާރލް ގައިޑް ދަރިވަރުންނަށް އެނާރޖީ އެފަޝިއަންސީ ބެޖް އިފްތިތާހް ކޮށްފި


ސްކައުޓާއި ގާރލް ގައިޑް ދަރިވަރުންނަށް ޚާއްސަކޮށްގެން އެނަރޖީ އެފިޝިއަންސީ ބެޖް އިފްތިތާޙް ކޮށްފިއެވެ. ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބެޖް އިފްތިތާޙް ކޮށްދެއްވާފައިވަނީ އެންވަޔަރަމެންޓް މިނިސްޓާރ ޑރ.ޙުސައިން ރަޝީދް ހަސަނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަދު އިފްތިތާޙް ކުރެވުނު މި ބެޖްގެ ސަބަބުން، ރާއްޖޭގެ ހަކަތަ ރައްކާތެރިކޮށް ހަރުދަނާ ކުރުމަށް އެޅުނީ ވަރަށް މުޙިއްމު ބިންގަލެއް ކަމަށެވެ. ރާއްޖޭގައި ކަރަންޓު އުފައްދާއިރު ނުވަދިހަ ހަތަރު ޕަސެންޓަކީ ޑީސަލް އަންދާއިގެން އުފައްދާ ކަރަންޓް ކަމަށާއި ބާކީ ހަ ޕަސަންޓަކީ ސޯލާ އެނާރޖީއިން އުފައްދާ ކަރަންޓު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަނީ ކަރަންޓުން ބޭނުންކުރާ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެނާރޖީ އެފިޝިއަންސީ ބެޖާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މި ބެޖް ތަޢާރަފް ކުރުމުގެ ބޭނުމަކީ ކުރިއަށް އޮތް ޒުވާން ޖީލަށް އެނާރޖީ އެފަޝިއަންސީ އަކީ ކޮބައިކަން ވިސްނުވައިދީ އެއަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި އެކަމަށްޓަކާއި މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުން މިނިސްޓްރީން ދޭނެ ކަމަށްވެސް މިނިސްޓާރ ޑރ. ހުސައިން ރަޝީދް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސްކައުޓު ލީޑަރެއް ކަމުގައިވާ ހުސައިން ހަނީފް މުހައްމަދު ވިދާޅުވީ މިއަދު މި ނެރުނު ބެޖުގެ ސަބަބުން ތިމާވެއްޓަށް ހޭލުންތެރި ކުރުމަށްޓަކައި ވަރަށް މުޙިއްމު ފިޔަވަޅެއް އެޅިގެން ހިނގައްޖެއް ކަމަށެވެ. އަދި ދުނިޔެ ހޫނުވަމުން އަންނައިރު ރާއްޖޭގައިވެސް އެވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އަމަލީ ގޮތުން އެކަންކަން ރައްކާތެރި ކުރުމަށްޓަކާއި އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ހަނީފް ވިދާޅުވިއެވެ.

އެނާރޖީ އެފަޝިއަންސީ ބެޖަކީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި ގާރލް ގައިޑް އެސޯސިއޭޝަނާއި ސްކައުޓް ގުޅިގެން 2016 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ތިމާވެށި ރައްކާތެރި ކުރުމަށްޓަކާއި ހިންގުނު ހަރަކާތްތަކެކެވެ.