ޚަބަރު

ކަލާފާނު ސްކޫލަށް 30އަހަރު ފުރުމަށް އެސެމްބްލީއެއް ބާއްވައފި


ކަލާފާނު ސްކޫލަށް 30 އަހަރުފުރުމާ ގުޅިގެން އެސްކޫލްގައި ޚާއްސަ އެސެމްބްލީއެއް ބާއްވައި ފޮޓޯ މައުރުޒެއް ހުޅުވައިފިއެވެ. ކަލާފާނު ސްކޫލްގެ އަހަރީ ދުވަހަކީ މިއަދުއެވެ.

ކަލާފާނު ސްކޫލްއަށް 30 އަހަރު ފުރުމާގުޅިގެން އެސްކޫލްގައި ބޭއްވި ޚާއްސަ އެސެމްބްލި ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު އަލީއެވެ. މިއެސެމްބްލީގައި ވަނީ އެސްކޫލަށް 20 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެކަމުގެ އަގުވަޒަންކޮށް އެވޯޑެއް ދީފައެވެ.

އަދި އެސްކޫލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ޙާޒިރީން %100 ހޯދި މުވައްޒަފުންނަށް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މީގެ އިތުރުން މިއެސެމްބްލީގައި ވަނީ 2020 ވަނަ އަހަރު އެސްކޫލްގައި ބޭނުންކުރާނެ އައު ޔުނިފޯމް ދައްކާލައި ކުރިއަށްއޮތް 5 އަހަރުދުވަހުގެ ދުރުރާސްތާ ޕްލޭން އިފްތިތާޙްކޮށްދެއްވާފައެވެ. މިޕްލޭން އިފްތިތާޙް ކޯށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ. އަދި 30 އަހަރު ފުރުމާގުޅިގެން ކޭކެއްވެސްވަނީ ފަޅާފައެވެ.

އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢާލީ ވަނީ ދަރިވަރުންނަކީ ކެރޭ ހުނަރުވެރި ކުދިންނަށް ވުމަށްޓަކައި ޤައުމީ މަސައްކަތުގައި ޖޯޝާކު ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަލާފާނު ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރުންނަކީ އެހެން ސްކޫލްތަކުގައި ތަޢުލީމް ޙާސިލްކުރާ ދަރިވަރުންނަށް ނަމޫނާ ދަރިވަރުންނަށް ވުމަށް ދަރިވަރުންނަށް ނަސޭހްތެރިވެ ވަޑައިގަންނަވާފައެވެ.

ކަލާފާނު ސްކޫލްގެ ޕްރިންސްޕަލް ރަޙްމާ ޢަބްދުއްރަޙްމާން ވިދާޅުވީ އަހަރީ ދުވަހާ ގުޅިގެން އެސްކޫލްގެ އިސްދަރިވަރުންތަކެއް ސްކޫލްގެ ލައިބްރަރީއަށް 2000 ފޮތް ހަދިޔާކޮށްފައިވާކަމަށާ ސްކޫލްގެ ނޯޓިސް ބޯޑު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދީފައިވާކަން ފާހަގަކުރެއްވިއެވެ.

ކަލާފާނު ސްކޫލަށް 30 އަހަރުފުރުމާ ގުޅިގެން އެ ސްކޫލްގައި ވަނީ ސްކޫލް ހުޅުވި ދުވަހުން ފެށިގެން މިއަހަރާ ހަމަޔަށް ހިނގާފައިވާ މުހިއްމު ކަންތައްތަކުގެ ފޮޓޯތައް ހިމަނއިގެން ހަދާފައިވާ ފޮޓޯ މައުރަޒެއް ހުޅުވާފައެވެ. މި ފޮޓޯ މައުރުޒު ހުޅުއްވައިދެއްވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްއެވެ.

ރައީސް މައުމޫނަކީ ކަލާފާނު ސްކޫލްގެ ބިންގާ އަޅުއްވައިދެއްވައި އެސްކޫލް ހުޅުއްވައިދެއްވި ބޭފުޅާއެވެ. ފޮޓޯ މައުރަޒު ހުޅުއްވައިދެއްވާ ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ ކަލާފާނު ސްކޫލަކީ ޖަޕާނު ސަރުކާރުގެ އެހީގެދަށުން ޢިމާރާތްކޮށްފައިވާ ސްކޫލެއްކަމަށާ އެސްކޫލްއަކީ އެދުވަސްވަރު ޖަޕާނު ސަރުކާރުން ޢިމާރާތްކުރި ސްކޫލްތަކުގެ ތެރެއިން 16ވަނަ ސްކޫލްކަން ފާހަގަކުރައްވާފައެވެ. މައުމޫން ވަނީ ތިރީސް އަހަރުދުވަހުގެ ތެރޭގައި ކަލާފާނު ސްކޫލުން ގިނަ ކާމިޔާބުތަކެއް ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ.

ކަލާފާނު ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެންވަނީ ޚާއްސަ ލަވަޔަކާއި ލޯގޯއެއް އިފްތިތާޙްކޮށްފައެވެ. އަދި 30ވަނަ އަހަރީ ދުވަހާ ގުޅިގެން 30 ގަޑިއިރުގެ ދުވުމެއްވަނީ ކުރިއަށްގެންގޮސްފައެވެ. ކަލާފާނު ސްކޫލްގައި ގެންދަނީ ގްރޭޑް އެކަކުން ދިހަޔަކާ ހަމައަށް ކިޔަވައިދެމުންނެވެ. އެސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 25 ޖުލައި 1989 ގައި ހަމައެކަނި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައެވެ. އަދި އެސްކޫލްގައި މިހާރު 1500 އަށްވުރެ ގިނަ ދަރިވަރުން ދަނީ ތަޢުލީމް ހާސިލްކުރަމުންނެވެ.