ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް ޔޫ.އެން.ޑަބްލިއު.ޓީ.އޯ އާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ މިމަހުގެ 9-13 ރަޝިއާގެ ސެއިންޓް ޕީޓަސްބަރގްގައި ބޭއްވި ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަންގެ 23 ވަނަ ޖެނެރަލް އެސެމްބްލީގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައެވެ.
ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަންގެ 23 ވަނަ ޖެނެރަލް އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙެވެ.
ޔޫއެންްޑަބްލިއުޓީއޯގެ އެގްޒެކެޓިވް ޑިރެކްޓަރ ޖޫ ޝަންގޖޮންގ އަދި ޔޫއެންޑަބްލިއުޓީއޯގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ ޝޫ ޖިންގއާއި އެކު ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ޔުނައިޓެޑް ނޭޝަނަސް ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން، ޔޫއެމްޑަބްލިއުޓީއޯގެ ޖެނެރަލް އެސެމްބުލީއަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ ބައްދަލުވުމެކެވެ.
މިއަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 120 އަށް ވުރެ ގިނަ ޤައުމުން ބައިވެރިވެފައިވާއިރު، މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ހައްލުތައް ހޯދުމެވެ.