ޚަބަރު

ކޯވިޑް-19 : 95 ބިދޭސީއަކު ޕޮޒިޓިވްވެއްޖެ


ރާއްޖެއިން ކޯވިޑަށް މިއަދު 95 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 61 މީހުންނާއި އިންޑިޔާ 32 މީހުންނާއި ނޭޕާލްގެ 2 މީހުންނެވެ.

މިއަދަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މި އެންމެނަކީވެސް މޮނިޓަރިންގެ ހުރި ގެތަކުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ. މިއާއިއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 396 އަށް އަރާފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފުރަތަމަ ފެނިފައިވަނީ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދުއާއި އެއަތޮޅު މިލަންދުއިންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި އެންއީއޯސީން ވަނީ ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވާކަން ދެނެގަނެވިފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން، ބައްޔަށް ޕޮޒިޓިވެ އޭނާއާ ސީދާ ދިމާވި މީހުން ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.