ޚަބަރު

ކޯވިޑް-19 : ރާއްޖެއިން އިތުރު 116 މީހަކު ޕޮޒިޓިވްވެއްޖެ


ރާޢްޖެއިން އިތުރު 116 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މި އެންމެންވެސް ޕޮޒިޓިވް ވެފައިވަނީ މިއަދުއެވެ. މިއަދަކީ މިހާތަނަށް އެންމެ ގިނަ މީހުން ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ދުވަހެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ ބިދޭސީންކަމަށެވެ. މިއަދު ޕޮޒިިޓިވްވި ބިދޭސީންގެ އަދަދުވަނީ 99 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 65 މީހަކާއި، އިންޑިޔާއަށް ނިސްބަތްވާ 32 މީހަކާއި، ނޭޕާލަށް ނިސްބަތްވާ 2 މީހެކެވެ. މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުނެގެ ތެރެއިން 17 މީހުންނަކީ ދިވެހިންނެވެ.

މިއީ މިހާތަނަށް އެންމެގިނަ އަދަދަކަށް ރާއްޖެއިން މީހުން ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުންދުވަސްވީ މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. ޕޮޒިޓިވްވި ގިނަ ބިދޭސީންނަކީ މާލޭގައި މޮނިޓަރިންގެ ހުރި ގެތަކުން ސާމްޕަލް ނަގައިގެން ހެދި ޓެސްޓްތަކުން ޕޮޒިޓިވްވެފައިވާ މީހުންނެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި ދިވެހިންގެ އަދަދުވަނީ 145 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. މީގެ ތެރެއިން 180 މީހުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާމީހުންނެވެ. އިންޑިޔާއަށް ނިސްބަތްވާ މީހުންގެ އަދަދަކީ 49 އެވެ. އަދި ސްރީލަންކާގެ 2 މީހަކަށްވެސް ވަނީ މި ބަލި ޖެހިފައެވެ. ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދުވަނީ ނޭޕާލްގެ 2 މީހަކުވެސް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް ރާއްޖެއިން ނޭޕާލްގެ މީހުން ޕޮޒިޓިވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވިމީހަކު ފުރަތަމަ ފެނިފައިވަނީ މާރޗްމަހުގެ 7 ވަނަ ދުވަހުއެވެ. މާލެ ސަރަހައްދުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނުނީ މިމަހުގެ 15ވަނަ ދުވަހުއެވެ.

މާލޭގެ އިތުރުން މިބައްޔަށް ޕޮޒިޓިވްވި މީހުން މިހާތަނަށް ފެނިފައިވަނީ ހއ.އުލިގަމާއި، ށ.ނަރުދުއާއި އެއަތޮޅު މިލަންދުއިންނެވެ. ނަރުދޫއަކީ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ ޢާންމުންގެ ތެރޭގައި ބަލިފެތުރެމުންދާ ރަށެއްގެ ގޮތުގައި އެންއީއޯސީން ވަނީ ނިންމާފައެވެ. ނަމަވެސް އެރަށުގައި ބަލި ފެތުރެމުންދާގޮތް ދެނެގަނެވިފައިވާކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކުގައި ކޯވިޑް-19 ފެތުރެން ފަށާފައިވާކަން ދެނެގަނެވިފައިވަނީ އުތުރަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން، ބައްޔަށް ޕޮޒިޓިވެ އޭނާއާ ސީދާ ދިމާވި މީހުން ދެނެގަތުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. އަމާޒު ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން ބައެއް މީހުންގެ ފަރާތުން ވަނީ ކޯވިޑް-19އަށް ޝައްކުކުރެވޭ ޢަލާމަތްތަކެއް ފެންނަން ފަށާފައެވެ. އިތުރު ގިނަ ރަށްތަކެއްވެސް ވަނީ މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ.