ޚަބަރު

ކޯވިޑް-19 : 24 ގަޑިއިރު ތެރޭ މާލެއަށް އަންނަން ބޭނުންވާ 454 މީހުން މަޢުލޫމާތު ޙިއްސާކޮށްފި


މާލެ ފުރަބަންދު ކުރުމުގެ ސަބަބުން އެކި ސަބަބުތަކާހުރެ މާލެ ނާދެވިފައިތިބި މީހުންގެ މައުލޫމާތު ޙިއްސާކުރުމަށް ހުޅުވާލި ފުރުސަތުގައި 400އަށް ވުރެ ގިނަ މީހުން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މިމަހުގެ 30ވަނަ ދަވަހު ހުޅުވާލި މިފުރުސަތުގައި 24 ގަޑިއިރު ނުވަނީސް 454 މީހުން މާލެއަށް އައުމަށް އެދި ނަންނޯޓު ކޮށްފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އަދި މާލެ އަންނަން ބޭނުންވާ ފަރާތްތައް ގެނައުމުގެ މަސައްކަތް ކުރުމަށްޓަކައި މިހާރު އެ މަޢުލޫމާތުތައް ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހިއްސާ ކުރައްވާފައެވެ.

މާލެ ސިޓީގައި ދިރިއުޅޭ މީހުންގެ ތެރެއިން އެކި ބޭނުންތަކަށް ރަށްރަށަށް ދަތުރުކުރުމަށްފަހު، މިހާރު އޮތް މާލޭ ސީޓީގެ ފުރަބަންދާ ގުޅިގެން އެނބުރި ނާދެވިފައި ގިނަ ބަޔަކު އެބަތިބި ކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއެވެ. އަދި އެމީހުން ގެނައުމުގެ މަސައްކަތްތައް ކުރަމުންދާއިރު މައުލޫމާތުތައް ކައުންސިލާ ޙިއްސާކުރުމަށް އެ ކައުންސިލުން ވަނީ އަންގަވާފައެވެ.

ރަށްރަށުގައި މިގޮތަށް ނާދެވި ތިބި މީހުން މާދަމާގެ 14:00ގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ނަންބަރު 9955788 އަށް މެސެޖުކޮށް އެ މަޢުލޫމާތުތައް ޙިއްސާކުރުމަށް ވަނީ އެދިފައެއެވެ. މިގޮތަށް މަޢުލޫމާތު ހިއްސާ ކުރާއިރު ފުރިހަމަ ނަމާއި އައިޑީކާޑް ނަމްބަރާއި ދާއިމީ އެޑްރެހުގެ އިތުރުން، އަތޮޅާއި ރަށް އަދި މިހާރު އުޅޭ އެޑްރެސްގެ މައުލޫމާތު ހިމަނަން ޖެހެއެވެ. އޭގެއިތުރުން، ގުޅޭނެ މޯބައިލް ނަމްބަރަކާއި އީމެއިލްގެ އިތުރުން މާލެއިން ފުރި ތާރީޚުވެސް ހިމަނަން ޖެހެއެވެ. އަދި ދަތުރުކުރަން ބޭނުންވާ ސަބަބުވެސް ބަޔާންކުރަން ޖެހެއެވެ.