ޚަބަރު

ކޯވިޑް-19 : ކޮންޓެކްޓް ޓްރޭސިންގައި އެތައްބައެއްގެ މައުލޫމާތު އެއްކޮށްފި


ކޯވިޑް 19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންނާއި ދިމާވި މީހުންގެ ތެރެއިން އެތައްބަޔަކު ދެނެގަނެވިފައިވާ ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމްގެ ޑޮކްޓަރ އިބްރާހިމް އަފްޒަލް ވަނީ ޕޮޒިޓިވްވި މީހުންނާއި ދިމާވި މީހުން ދައްކުވައިދޭ އިމޭޖް ކެޕްޗަރއެއް ދައްކާފައެވެ. މި އިމޭޖް ކެޕްޗަރގައި ވާގޮތުން އެތައްބަޔަކު ވަނީ ޓްރެއިސް ކުރެވިފައެވެ. މި އިމޭޖް ކެޕްޗަރގައި ފެންނަ ގޮތުން ވަކިވަކިން ފެންނަ ކޮންމެ ތިއްކަކީ ޕޮޒިޓިވްވި މީހުންނާއި ދިމާވެ ބައްދަލުވެފައިވާ މީހެކެވެ. މި މީހުންގެ ކޮންމެ މީހެއްގެ ނަމާއި، ގައުމާއި، އުމުރު ހިމެނޭހެން ހުރިހާ މައުލޫމާތެއްވެސް އެއްކުރެވިފައިވާ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"މީގަ މިފެންނަ ކޮންމެ ތިއްކަކީ އެކު ޖުމްލަ ކުރެވޭ މަސައްކަތް ދައްކާލެވޭ މަންޒަރެއް. އޭގެއިން އަޅުގަނޑުމެންގެ ޑޭޓާބޭސް ތްރޫކޮށް އެގޭނެ އެއިންމީހަކާއި އަދި އެހެންމީހަކާއި ކޮންޓެކްޓް ވާނަމަވެސް. މީގެއިން ކޮންމެ ތިއްކަކީ އަޅުގަނޑުމެން ޒޫމްކޮށްލާފައި ބަލާލިނަމަވެސް އެގޭނެ އެއީ އަންހެނެއްކަން، ނުވަތަ ފިރިހެނެއްކަން އެއީ ކޮން ޤައުމެއްގެ މީހެއްކަން، އޭނަގެ އުމުރަކީ ކޮބައިކަންވެސް" ޑރ.އަފްޒަލް ވިދާޅުވި.

މި އިމޭޖް ކެޕްޗަރއިން ފެނިގެންދަނީ މިމަސައްކަތުގައި އުޅުއްވާ ބޭފުޅުން ކުރައްވާފައިވާ ބުރަ މަސައްކަތް ކަމުގައި ޑރ.އަފްޒަލް ވިދާޅުވިއެވެ. މި މަސައްކަތަކީ އެތައް ފޯންކޯލެއް އެތައް މައުލޫމާތެއް އެއްކުރެވިގެން ކުރެވޭ ކަމެއްކަމަށާއި މިއީ ވަރަށް ގިނަ ބައެއްގެ މަސައްކަތަކަށްވާއިރު މިކަން ކުރުމުގައި ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާކަމަށް އަފްޒަލް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް 19 ގައި އެގާރަހާހަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު މީގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ 785 މީހެކެވެ. ޕޮޒިޓިވްވި މީހުންނާއި ސީދާ ގޮތުންނާއި އަދި އެނޫން ގޮތްގޮތުންވެސް ދިމާވެފައިވާ ގިނަ މީހުން ދެނެގަނެވި ސާމަޕްލްތައް ވަނީ ނަގާފައެވެ.