ޚަބަރު

ކޯވިޑް-19 : މާލެއިން ބަލި ފެނުނުތާ މަސްދުވަސްތެރޭ ބަލިޖެހުނު މީހުންގެ އަދަދު 1000އަށްވުރެ މައްޗަށް


ރާއްޖެއިން އިތުރު 38 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝްގެ 8 މީހަކާއި ނޭޕާލްގެ މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 1020 އަށް އަރާފައެވެ.

މި މަހުގެ ބާކީ އޮތް ދުވަސްތަކަކީ މި ބަލީގެ ހާލަތު އެންމެ ނުރައްކާވާނެ ދުވަސްތައްކަމަށް ސިއްހީ މާހިރުންވަނީ ލަފާކޮށްފައެވެ. އެގޮތުން މި މަސް ނިމޭ ހިސާބުގައި ރާއްޖޭގައި މި ބަލި ޕީކަށް އަރާ އެއްދުވަހުގެ ތެރޭގައި ޕޮޒިޓިވްވާ މީހުންގެ އަދަދު 1500 ވުރެ މައްޗަށް އަރާނެކަމަށް ބަނީ ބެލެވިފައެވެ. އަދި އެއްދުވަހެއްގައި ހޮސްޕިޓްލްގައި 34 މީހުންނަށް ފަރުވާދޭން ޖެހޭއިރު 12 މީހަކަށް އައިސީޔޫގައި ފަރުވާދޭން ޖެހިދާނެކަމަށް ވަނީ ބެލެވިފައެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ ބަލި މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މާރިޗު މަހުގެ 7 ވަނަދުވަހު ކުރެއްދޫ ރިސޯޓުންނެވެ. އޭގެފަހުން ރިސޯޓްތަކުން މި ބަލީގެ މީހުން ފެންނަމުން އައިސް ދިވެއްސެއްގައި އެންމެ ފުރަތަމަ މި ބަލި ފެނުނީ މާރިޗުމަހުގެ 27 ވަނަދުވަހުއެވެ. އެއީ އިނގިރޭސިވިލާތުގައި ދިރިއުޅުމަށްފަހު ރާއްޖެއައި 38 އަހަރުގެ ޒުވާނެކެވެ.

ބައިބޯ ކާރޫ ބާރުބޮޑު މާލެއިން މި ބަލީގެ މީހަކު އެންމެ ފުރަތަމަ ފެނުނީ އޭޕްރިލްމަހުގެ 15 ވަނަދުވަހުއެވެ. އެއަށްފަހު މާލެ ތެރޭ މިބަލި ހަލުވިކަމާއި އެކު ފެތުރެން ފެށިއެވެ. އަދި ފާއިތުވީ މަހެއްހާ ދުވަހުގެ ތެރޭގައި މިބަލީގެ ނުރައްކާ މުޅި ރާއްޖެއަށް މިވަނީ ބޮޑުވެފައެވެ.

މާލެއިން މި ބަލީގެ މީހަކު ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު 179 މީހަކަށް މި ބަލި ޖެހިފައިވާކަން ރިޕޯޓްތަކުން ދައްކައެވެ. އޭގެފަހުން މި ބަލީގައި ކޮންމެ ދުވަހަކުވެސް ފެންނަ މީހުންގެ އަދަދު އެވެރެޖްކޮށް އުޅެނީ 20 އިން މަތީގައެވެ.

މާލެއިން އެންމެ ގިނަ މީހުން ފެނުނު ދުވަސްތައް

- 24 މީހުން ( 19 އޭޕްރިލް )
- 16 މީހުން ( 21 އޭޕްރިލް )
- 19 މީހުން ( 23 އޭޕްރިލް )
- 20 މީހުން ( 24 އޭޕްރިލް )
- 72 މީހުން ( 26 އޭޕްރިލް )
- 21 މީހުން ( 28 އޭޕްރިލް )
- 40 މީހުން ( 29 އޭޕްރިލް )
- 179 މީހުން ( 30 އޭޕްރިލް )
- 29 މީހުން ( 1 މޭ )
- 27 މީހުން (2 މޭ )
- 20 މީހުން ( 4 މޭ)
- 31 މީހުން ( 5 މޭ )
- 49 މީހުން ( 6 މޭ )
- 69 މީހުން ( 7 މޭ )
- 45 މީހުން ( 8 މޭ )
- 47 މީހުން ( 9 މޭ )
- 69 މީހުން ( 10 މޭ )
- 37 މީހުން ( 11 މޭ )
- 46 މީހުން ( 13 މޭ )

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ގިނައީ ތޮއްޖެހިގެން އެއްތަނެއްގައި ދިރިއުޅޭ ބިދޭސީންނެނެވެ. މިގޮތުން މީހާތަނަށް 668 ބިދޭސީއަކަށް ވަނީ މި ބަލިޖެހިފައެވެ. ބީދޭސީންގެ ތެރެއިންވެސް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ ބަނގްލަދޭޝް ރައްޔިތުންނެވެ. ބަނގްލަދޭޝްގެ 532 މީހަކަށްވަނީ މި ބަލިޖެހިފައެވެ.

މި ބަލި ޖެހުނު ދިވެހިންގެ އަދަދުވެސް މި ވަނީ 352އަށް އަރާފައެވެ. ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ އުމުރަށް ބަލާއިރު އެވްރެޖް އުމުރަކީ 35 އަހަރެވެ. މީގެ ތެރެއިން 80 އިންސައްތަ މީހުންނަކީ ބަލީގައި މާބޮޑު އަލާމާތެއްނެތް މީހުންކަމަށް ސިއްހީ މާހިރުންވަނީ ވިދާޅުވެފައެވެ.

މި ބަލީގައި މިވަގުތު 11 މީހުންނަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ބަލީގައި މިހާތަނަށް ފަރުވާދެމުންދާ އެންމެ އުމުރުން ދޮށީ މީހަކީ ޑީއެޗް 11ގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ 87 އަހަރުގެ މީހާއެވެ. ބަލީގައި ފަރުވާދެވޭ އެންމެ ހަގު ކުއްޖަކީ 7 މަހުގެ ތުއްތު ކުއްޖެކެވެ.

ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އުމުރުފުރާތައް :

- 10 އަހަރުން ދަށުގެ 20 ކުއްޖެއް
- 11 އަހަރާއި 20 އަހަރާއި ދެމެދު 37 މީހެއް
- 21 އަހަރާއި 30 އަހަރާއި ދެމެދުގެ 262 މީހެއް
- 31 އަހަރާއި 40 އަހަރާއި ދެމެދުގެ 276 މީހެއް
- 41 އަހަރާއި 50 އަހަރާއި ދެމެދުގެ 110 މީހެއް
- 51 އަހަރާއި 60 އަހަރާއި ދެމެދުގެ 38 މީހެއް
- 61 އަހަރާއި 70 އަހަރާއި ދެމެދުގެ 18 މީހެއް
- 71 އަހަރާއި 80 އަހަރާއި ދެމެދުގެ 5 މީހެއް
- 81 އަހަރާއި 100 އަހަރާއި ދެމެދުގެ 2 މީހެއް

ރާއްޖޭގަައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 4 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަޝްހޫރު ވިޔަފާރިވެރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ ޙުސައިން ޢަބްދުﷲ އޭނާގެ އަނބިކަބަލުން އާމިނަތު އާދަމާއި އިތުރު ދިވެއްސަކާއި ބަންގްލަދޭޝް ރައްޔިތަކު ހިމެނެއެވެ. މި ބަލިން މީހާތަނަށް ރާއްޖޭގައި ރަނގަޅުވެފައިވަނީ 46 މީހެކެވެ. އެއީ 32 ދިވެހިންނާއި 14 ބިދޭސީންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި / ޖުމްލަ 2 މީހުން

- 2 މީހަކު ( ވެންޓިލޭޓަރގައި / ހާލު ސީރިއަސް )
- 1 ( ހާލު ރަނގަޅު )

ޓްރީޓޮޕް / ޖުމްލަ 9 މީހުން

- 2 މީހުން ( ވެންޓިލޭޓަރގައި )
- 1 ( ހާލު ވަރަށް ސީރިއަސް )
- 6 ( ހާލު ރަނގަޅު )

ޕޮޒިޓިވްވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ރާއްޖޭގައި ގަވާއިދާއި ޙިލާފަށް އުޅޭ ބިދޭސީންނަށް ވުމުން މިމީހުންގެ މައުލޫމާތު ހޯދުމުގައި އެޗްޕީއޭއަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. ރާއްޖޭގައި ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާންކޮށް އަޅާފައިވާ ފިޔަވަޅުތަކައި ގުޅިގެން ބަލީގައި ކުރިއެރުންތަކެއް ފެންނަމުންދާކަމަށް އެޗްޕީއޭއިންވެސް ވަނީ ވިދާޅުވެފައެވެ. .

ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގައި ބަލި ޖެހިފައިވާ މީހުންގެ އަދަދުތައް

- އިންޑިޔާ 78،000 އަށްވުރެ ގިނަ މީހުންނަށް
- ޕާކިސްތާން 34،000 ހާހަށްވުރެ ގިނަ މީހުންނަށް
- ބަންގްލަދޭޝް 17،000 ހާހަށްވުރެ ގިނަ މީހުންނަށް
- އަފްޢާނިސްތާން 5،000 އަށްވުރެ ގިނަ މީހުންނަށް
- ދިވެހިރާއްޖެ 1،000 އަށްވުރެ ގިނަ މީހުންނަށް
- ސްރީލަންކާ 900 އަށްވުރެ ގިނަ މީހުންނަށް
- ނޭޕާލް 200 އަށްވުރެ ގިނަ މީހުންނަށް
- ބޫޓާން 11 މީހުންނަށް

ދުނިޔޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާއިރު ބައްޔާއި ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ވަނީ އަޅާފައެވެ. މިވަގުތުވެސް ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމުގައި ފުރަބަންދު އިއުލާންކޮށްފައިވާއިރު ދުނިޔޭގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4.4 މިލިޔަނަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ބައްޔަށް ވެކްސިނެއް ހޯދުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.