ޚަބަރު

އޮފީސްތައް ހުޅުވިނަމަވެސް އެމާހައުލު ރައްކާތެރި ކުރެވެނީ އެންމެން ގުޅިގެން


ކޯވިޑް-19އާ ގުޅިގެން ފުރަބަންދުކޮށްފައި އޮތުމަށްފަހު ދިން ލުއިތަކާއެކު އޮފީސްތައް ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ވަނީ ދީފައެވެ. އޮފީސްތައް ހުޅުވިނަމަވެސް ވައިރަހުގެ ނުރައްކާ އިތުރުވެގެންދިޔުމުގެ ބިރު އަދިވެސް އޮތުމާއެކު ކުރިއަށްވުރެ ބޮޑަށް ރައްކާތެރިކަމަށް އިސްކަންދޭންޖެހޭނެއެވެ.

ފުރަބަންދަށް ގާތްގަނޑަށް 3 މަސްދުވަހާ ގާތްވެފައިވަނިކޮށް ލުއި ދިނުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން މިހާރުވަނީ އޮފީސްތަކާއި ވިޔަފާރިތައް ހުޅުވާލުމުގެ ހުއްދަދީފައެވެ. މިއާއެކު މުޖުތަމަޢުތެރޭގައި ވައިރަހުގެ ނުރައްކާ އިތުރުވެގެން ދިޔުމުގެ ފުރުޞަތުވެސް ބޮޑެވެ. މިނުރައްކާ ކުޑަކުރެވޭނީ ބޭރަށް ނިކުންނައިރު ރައްކާތެރިކަމުގެ ގޮތުން ކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއްވަމުންގެންދަވާ ކަންކަމުގައި ހިފައިގެންނެވެ.

އޮފީސްތައް ހުޅުވާލުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާއިރު ސަރުކާރު އޮފީސްތައް ރަސްމީ ގަޑީގައި ފެށުމަށް ނިންމާފައިވަނީ އަންނަ ހަފްތާއިން ފެށިގެންނެވެ. ސަރުކާރު އޮފީސްތައް ފުރަބަންދުގައި ހުޅުވަމުން އައިގޮތަށް މިހަފްތާގައި ހުޅުވިނަމަވެސް އެމުވައްސަސާއެއްގެ ވަޒީރަކު ނުވަތަ ހިންގެވުމަށް ހުންނެވި ފަރާތަކަށް ފެނިއްޖެ ޙާލަތެއްގައި ޒަރޫރީ ކަންކަމުގައި އޮފީސް ހުޅުވުމުގެ ބާރުވަނީ ދެއްވާފައެވެ. އެހެންނަމަވެސް އަމިއްލަ އޮފީސްތަކާއި ވިޔަފާރިތައް މިހާރު ޢާއްމު ޙާލަތުގައި ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ހުޅުވުމުގެ ހުއްދަވަނީ ދެއްވާފައެވެ.

އޮފީސްތައް ހުޅުވާލުމުގެ ހުއްދައާއެކު އޮފީސްތަކަށް ދާމީހުންނާއެކު މަގުތައްވަނީ ހަލަބޮލިވެފައެވެ. އެހެންކަމުން ރައްކާތެރިކަމަށް ޚާއްސަ އިސްކަމެއް ދިނުމަކީ މުހިއްމުކަމެކެވެ. އެގޮތުން އިޖުތިމާޢީ ގައިދުރުކަން ދެމެހެއްޓުމާއި ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު ބޭނުންކުރުމަކީ މުހިއްމުކަމެކެވެ. އަދި މީގެ އިތުރުންވެސް އޮފީސް މާޙައުލުގައި ގައިދުރުކަން ބެހެއްޓޭނެ އުސޫލެއްގެ ދަށުން މަސައްކަތްތައް ރޭވުމާއި ހުމާއި ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރަންޖެހެއެވެ. މީގެއިތުރުން އޮފީހުގައި ޢާއްމުކޮށް އަތްލެވޭ ތަންތަން ގިނަގިނައިން ސާފުކުރުމަކީވެސް މުހިއްމުކަމެކެވެ.

ވައިރަހުގެ ނުރައްކާ އަދިވެސް ކުޑައެއް ނުވެއެވެ. އެހެންކަމުން ތިމާއާއި ބައްދަލުވާ މީހުންގެ ޢަދަދު އެބަ މަދުކުރަންޖެހެއެވެ. އަދި ބައްދަލުވާ މީހުންގެ އިނގޭނެހެން ލިސްޓުކުރުމަކީ ފަރުދީގޮތުން ކުރެވިދާނެކަމެކެވެ. މިހުރިހާ ކަމެއްމިގޮތަށް އޮތް އިރުވެސް ކޮންމެހެން ދާން ނުޖެހޭނަމަ ބޭރުގައި އުޅޭ ވަގުތުތައް މަދުކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކެންޖެހެއެވެ.