ޚަބަރު

ކޯވިޑް-19 : ފުރަބަންދަށްފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދު


މާލެ ސަރަޙައްދުގެ ފުރަބަންދު އުވާލިފަހުން އެންމެ ގިނަ މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ހާމަކުރެއްވިގޮތުގައި މިއަދު ވަނީ 64 މީހުން ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 44 ދިވެހިންނާއި ބަންގްލަދޭޝްގެ 17 މީހަކާއި އިންޑިއާގެ 2 މީހަކާއި ނޭޕާލް މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 2617އަށް އިތުރުވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ރަނގަޅުވިކަމަށް އެޗްޕީއޭއިން މިއަދު ހާމަކުރެއްވީ 11 މީހަކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދަކީ 2238އެވެ.

އޭޕްރީލް 15ވަނަ ދުވަހު މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވް މީހަކު ފެނުނު ހިސާބުންފެށިގެން 44 ދުވަސްވަންދެން މާލެ ފުރަބަންދު ކުރުމަށްފަހު މޭ މަހުގެ 28ވަނަ ދުވަހުން ފެށިގެން މަރުހަލާތަކަކަށް ބަހާލައިގެން ލުއިތަކެއް ދީފައިވާއިރު މޭ 28ގައި ލުއިދޭން ފެށިފަހުން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ދުވަހުގެ ގޮތުގައި މިއަދު ފާހަގަކުރެވެއެވެ.

އިއްޔެވެސް ރާއްޖެއިން 36 މީހުން ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި ދިވެހިން އިތުރެވެ. އަދި ޕޮޒިޓިވްވާ މީހުންނާއި ކޮންޓެކްޓްވާ މީހުންގެ ޢަދުވެސް އިތުރުމުންދާކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. ޕޮޒިޓިވްވި މީހުންގެ ޢަދަކު އެންމެ ބޮޑަށް އިތުރުވާން ފަށާފައި މިވަނީ ފުރަބަންދަށް ބޮޑެތި ލުއިތަކެއްދީ އޮފިސްތަކާއި ކެފޭ ރެސްޓޯރަންޓްތަކުގެ އިތުރުން ސެލޫންތައްވެސް ހުޅުވިފަހުންނެވެ. މިމުއްދަތުގެ ތެރޭގައި ގެއިން ބޭރަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސިއްޙީ ތަޖުރިބާކާރުންނާއި އެޗްއީއޯސީންވެސް ގެންދަވަނީ އިލްތިމާސްކުރައްވަފަމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު މިހާރު މިބައްޔަށް ފަރުވާދެމުންދާ މީހުންގެ އަދަދު މިވަނީ 361 އަށް އިތުރުވެފައެވެ. މިއަދު މިބަލިން ރަނގަޅުވެފައިވަނީ 11 މީހުންނެވެ. އަދި މިހާތަނަށް މިބަލިޖެހިގެން ރާއްޖޭގައި 13 މީހުންވަނީ ނިޔާވެފައެވެ.