ޚަބަރު

ކޯވިޑް-19 : މިއަދު 39 މީހުން ޕޮޒިޓިވް، ބަލިން ރަނގަޅުވީ 12 މީހުން


ކޯވިޑް-19 މިއަދު 39 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓްކެޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭ 39 މީހަކު އަލަށް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 27 ދިވެހިންނާއި، ބަންގްލަދޭޝްގެ 7 މީހުންނާއި، އިންޑިއާގެ 5 މީހުންނެވެ.

އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ ޢަދަދު މިހާރު މިވަނީ 2801އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލިން ރަނގަޅުވެފައިވަނީ 12 މީހުންނެވެ. މިވަގުތު މި ބައްޔަށް 470 މީހަކު ފަރުވާ ހޯދަމުންދާއިރު، އޭގެތެރެއިން 40 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގައި 2 މީހަކު އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 38 މީހަކަށް އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ. މިއަދު މިބަލީގައި ޢުމުރުން 79 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެފައިވާއިރު، ރާއްޖޭން ކޯވިޑް-19ގައި ނިޔާވި މީހުންގެ ޖުމްލަ މިހާރު މިވަނީ 14އަށް އަރާފައެވެ. މިވަގުތު 410 މީހަކު އައިސޮލޭޝަންގައި ބައިތިއްބާފައިވާއިރު، ކަރަންޓީން ފެސިލިޓީތަކުގައި 47 މީހަކު ވަނީ ބައިތިއްބާފައެވެ. ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކާ ރާއްޖެއިން މިހާތަނަށް ޖުމްލަ 63،559 ސާމްޕަލެއް ނަގާފައިވާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވަނީ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދެވުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަދިވެސް ބައެއް އާއްމުން އެންމެ ފުރިހަމަގޮތުގައި ތަބާނުވާކަން ފާހަގަކުރައްވާފައެވެ. އެކަންކަމަށް ފަރުވާ ކުޑަނުކުރުމަށް އާއްމުންނަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ވީނަމަވެސް، އެތަންތަނުގައި ފުރިހަމަކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރުމާއި، ބައްޔަށް މީހަކު ޕޮޒިޓިވްވެއްޖެނަމަ ކޮންޓެކްޓް ޓްރޭސިންގްގެ ކަންކަންވެސް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުން މުހިންމުކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19އާ ގުޅިގެން ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެތެރެއިން އަތޮޅު ތެރޭގައި ޤާއިމުކުރާ 5 ފެސިލިޓީގެ މަސައްކަތާއި 2 ޓްރާންސިޓް ފެސިލިޓީގެ މަސައްކަތްވެސް ނިމުމަކާ ހިސާބަށްގޮސްފައިވާކަމަށާ، އަންނަ ހަފްތާގެތެރޭގައި އެތަންތަނަށް ބޭނުންކުރަން ފެށޭވަރުވާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކްތަކުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، ފާއިތުވި 24 ގަޑިއިރުގެތެރޭގައި މާލޭ ސަރަހައްދުގެ ފްލޫ ކްލިނިކުތަކަށް 95 މީހަކު ވަނީ ދައްކާފައެވެ. އަދި އަތޮޅުތަކުގެ ފްލޫ ކްލިނިކުތަކަށް 29 މީހަކު ދައްކާފައިވާއިރު، ފްލޫ ކްލިނިކުތަކުން ކޯވިޑް-19އަށް ޓެސްޓްކުރުމަށް 86 ސާމްޕަލެއް ނަގާފައިވެއެވެ.