ޚަބަރު

ފިޔަވަޅުތައް އުވާލުމުގެ ހަތަރުވަނަ މަރުޙަލާ ނިއު ޔޯކުގައި ފަށައިފި


އެމެރިކާގެ ނިއު ޔޯކު ސްޓޭޓުގެ ނިއު ޔޯކު ސިޓީގައި ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ ހަތަރުވަނަ މަރުޙަލާ ފަށައިފިއެވެ. އެއީ އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމުގެ އެންމެ ފަހު މަރުޙަލާއެވެ.

މީގެ ހަފުތާތަކެއް ކުރިން ނިއު ޔޯކު ސްޓޭޓުގެ ގިނަ ސަރަޙައްދުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުގެ ހަތަރުވަނަ މަރުހަލާވަނީ ފަށައިފައެވެ. ނަމަވެސް އެ ސްޓޭޓުގެ ވެރިކަންކުރާ ނިއު ޔޯކު ސިޓީގައި އެ މަރުޙަލާ އުވާލުމުގެ މަސައްކަތް ފަށާފައިވަނީ ގިނަ ހުރަސްތަކެއް ކަޑައްތު ކުރުމަށްފަހުއެވެ.

ނިއު ޔޯކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލުމުގެ ފަހު މަރުޙަލާގައި ޒޫތަކާއި ބަގީޗާތަކާއި ސަޤާފީ މަރުކަޒުތައް ހުޅުވުމުގެ ޙުއްދަވަނީ ދީފައެވެ. ނަމަވެސް އެ ތަންތަނުގައި ޢާންމު ޙަރަކާތްތައް ބޭއްވޭނީ އިމާރާތްތަކުގެ ބޭރުގައި ވައި ދައުރުވާހެން އޮންނަ ޖާގަތަކުގައެވެ. އަދި އެ ތަންތަނަށް ވަދެވޭނީ ތަނުގެ ޖާގައިގެ 33 އިންސައްތައާ އެކަށީގެންވާ ޢަދަދެއްގެ މީހުންނަށެވެ. އައު މަރުޙަލާގައިވަނީ ކުޅިވަރު ޙަރަކާތްތައް އަލުން ފެށުމުގެ ޙުއްދަވެސް ދީފައެވެ. ނަމަވެސް ކުޅިބަލާ މީހުންނަށް ކުޅިވަރު މަރުކަޒުތަކަކަށް ނުވަދެވޭނެއެވެ. އޭގެ އިތުރުން ފިލްމު އުފެއްދުމުގެ މަސައްކަތް ކުރުމުގެ ޙުއްދަވެސްވަނީ ދީފައެވެ.

އައު މަރުޙަލާގެ ދަށުން ރެސްޓޯރަންޓުތަކާއި ކެފޭތަކުގެ އެތެރޭގައި ކެއުންބުއިން އަދިވެސް މަނާވާނެއެވެ. ކުރިން އޮތް ތިންވަނަ މަރުޙަލާގައި އެ ތަންތަނުގައި ތިބެގެން ޚިދުމަތް ހޯދުމުގެ ޙުއްދަވަނީ ދީފައެވެ. ނަމަވެސް ޤައުމުގެ އެހެން ސަރަޙައްދުތަކުގައި އެފަދަ ތަންތަން ހުޅުވުމުން ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެފަދަ ޙުއްދައެއް ނިއު ޔޯކުގައި ނުދިނުމަށްވަނީ ނިންމައިފައެވެ.

ހަތަރުވަނަ މަރުޙަލާގައި ޙުއްދަ ދީފައިނުވާ އެހެން ކަންކަމުގެ ތެރޭގައި ޖިމްތަކާއި ވިޔަފާރި މަރުކަޒުތަކާއި ސިނަމާތަކާއި މައުރަޒުތައް ހުޅުވުންވެސް ހިމެނެއެވެ. އެ ތަންތަން ހުޅުވާނީ ކޮން އިރަކުން ކަމެއް އަދި ހުޅުވުމުގައި ޢަމަލުކުރާނެ އުޞޫލުތަކެއް އަދި ސާފެއް ނުވެއެވެ. އޭގެ އިތުރުން މަދަރުސާތައް ހުޅުވުމާ ގުޅޭގޮތުން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.

ނިއު ޔޯކު ސިޓީގެ މޭޔަރު ބިލް ޑި ބުލާސިއޯ ވިދާޅުވީ މަދަރުސާތައް އެއްކޮށް ނުހުޅުވާނެކަމަށާއި މަދަރުސާތަކަށް ހާޒިރުވާން ޖެހޭނީ ހަފުތާއަކު މަދު ދުވަސްތަކެއްގައިކަމަށެވެ. ނަމަވެސް ނިއު ޔޯކު ސިޓީގެ ގަވަރުނަރު އެންޑްރޫ ކުއޮމޯ ވިދާޅުވީ މަދަރުސާތައް އަލުން ހުޅުވުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އޯގަސްޓު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައިކަމަށެވެ. އޭނާ ވިދާޅުވީ ޤައުމުގެ އެހެން ސަރަޙާއްދުތަކުގައި ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ދަނޑިވަޅެއްގައި ނިއު ޔޯކް ސިޓީގައިވެސް ދެވަނަ ފަހަރަށް ބަލި ފެތުރުމުގެ ފުރުޞަތު އޮތްކަމަށެވެ.

އެމެރިކާގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ ނިއު ޔޯކު ސްޓޭޓުގައެވެ. އެ ސްޓޭޓުގައި 400،000އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހި، 32،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.