ޚަބަރު

ރ. ދުވާފަރުގެ މަގުހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ


ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ދުވާފަރުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ވިދާޅުވީ މިމަޝްރޫޢުގެ ތެރެއިން މަގުތަކުގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ނިންމާފައިވާކަމަށެވެ. އެގޮތުން އެރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަވަނީ އަޅާފައެވެ.

ރ. ދުވާފަރުގެ މަގުތަކުގައ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ އިތުރު ސާމާނުވެސް އެމް.ޓީ.ސީ.ސީން ވަނީ މިދިޔަ މަހުގެ ތެރޭ ފޮނުވާފައެވެ.

ދުވާފަރުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމް.ޓީ.ސީ.ސީ އާއި ޙަވާލުކޮށްފައި ވަނީ 22 މެއި 2019 ގައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގެ ހުރިހާ ބޮޑެތި މަގުތަކެއް ހިމެނޭހެން ވެހިކަލް ދުއްވުމަށް 25513 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ހިނގާމީހުންނަށް ޚާއްސަކޮށްގެން 6813 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ސަރވިސް ލައިން ކޭބަލްތަކަށް ޚާއްސަ ޖަންކްޝަން ބޮކްސްތައް ހެދުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމަށް ވަނީ ހަމަޖެހިފައެވެ.

ދުވާފަރުގައި ޤާއިމުކުރާނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭނުންކުރާފަދަ އިންފިލްޓްރޭޝަން ސްޓޯމްވޯޓަރ ސިސްޓަމްގެ ޑިޒައިންނާއި އެއްގޮތަށް ފަރުމާކޮށްފައިވާ އިންފިލްޓްރޭޝަން ސިސްޓަމެއްކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މި ސިސްޓަމް މެދުވެރިކޮށް ވާރޭވެހިގެން މަގުތަކަށް ޖަމާވާފެން، ރަށުން ބޭރަށް މޫދަށް ޕަމްޕްކޮށްދިނުމުގެ ބަދަލުގައި ރަށުގެ މީރުފެން ފަށަލައަށް ފިލްޓަރވެގެންދާނެއެވެ.

ރ. ދުވާފަރު މަގުތައް ހެދުމުގެ މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން 47.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެބުނޫ އެވޫ

2019 ގެ ކަމެއްތަ ނޫނި 2015 ގެ ކަމެއްތަ!