އޮގަސްޓު މަހުގެ ތެރޭގައި އެމެރިކާގެ ފުލޮރިޑާގައި ބާއްވަން ނިންމި ރިޕަބްލިކަން ޕާޓީގެ މަހާސިންތާ އެ ސްޓޭޓުގައި ނުބޭއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕް ނިންމަވައިފިއެވެ.
ރިޕަބްލިކަން ޕާޓީގެ މަހާސިންތާއަކީ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓު ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުން ފުރަތަމަ ބޭއްވުމަށް ނިންމީ ނޯތު ކެރޮލީނާގެ ޝާލޮޓުގައެވެ. ފަހުންވަނީ މަހާސިންތާގެ ބައެއް ބައްދަލުވުންތައް ފުލޮރިޑާގައި ބޭއްވުމަށް ނިންމާފައެވެ. ނަމަވެސް ފުލޮރިޑާގައި ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުން ރިޕަބްލިކަން ޕާޓީއަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ ބައެއް މެންބަރުންނާއި ޕާޓީގެ އެހެން މަންދޫބުންވަނީ އެ ސްޓޭޓުގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވުމަށް ނިންމައިފައެވެ.
އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓު ހައުސުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓުރަންޕް ވިދާޅުވީ މިއީ ގިނަ މީހުން އެއްވާ ބޮޑު ބައްދަލުވުމެއް ފުލޮރިޑާގައި ބޭއްވުން އެންމެ ރަނގަޅު ވަގުތު ނޫންކަމަށެވެ. އަދި އެ ނިންމުން ނިންމީ އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަމާ ސަލާމަތަށްކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ރާވާފައިވާގޮތަށް އެ ޙަރަކާތް އޮގަސްޓު މަހުގެ 24ވަނަ ދުވަހުން ފެށިގެން ނޯތު ކެރޮލީނާގައި ބާއްވާނެކަމަށްވެސް ޓުރަންޕް ވިދާޅުވިއެވެ.
ނޮވެންބަރު މަހުގެ 3ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ވާދަކުރައްވާނީ ޓުރަންޕެވެ. ނަމަވެސް އެ ނިންމުން ފާސްކުރާނީ ޕާޓީގެ ފަރާތުން ބާއްވާ މަހާސިންތާގައެވެ.
ފުލޮރިޑާގައި 389،868 މީހުންނަށް ކޯވިޑް-19 ޖެހި، 5،600 މީހުންވަނީ މަރުވެފައެވެ. އެއީ ނިއު ޔޯކާއި ކެލިފޯނިޔާއަށްފަހު ތިންވަނައަށް އެންމެ ބޮޑަށް ބަލީގެ އަސަރުކޮށްފައިވާ ސްޓޭޓެވެ. އެމެރިކާގައި 4.17 މިލިއަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ،