ބޯވާރެއާއި ބޮޑު ދިޔައިގެ ސަބަބުން ދެކުނު ކޮރެޔާގެ އެންމެ ބޮޑު ބަނދަރު އޮންނަ އަދި އެ ޤައުމުގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބޫސާނުގައި ފެންބޮޑުވެއްޖެއެވެ.
ވަރުގަދަ ކޮޅިގަނޑެއް އުފެދުމުގެ ސަބަބުން ފާއިތުވި 36 ގަޑިއިރުގެ ތެރޭގައި ބޫސާނަށްވަނީ 8 އިންޗީގެ ވާރޭ ވެހިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ފެނު އަޑިއަށް ގޮސްފައިވާ ކާރުތަކުން މަރުވެފައިވާ ތިން މީހުންވަނީ ފެނިފައެވެ. ބޫސާންގެ އުތުރުގައި އޮންނަ އުލްސާން ކޯރުގެ ފެންގަނޑު އުފުލި ބަންޑުންވުމުން އެކަކުވަނީ ގެއްލިފައެވެ. ދެކުނު ކޮރެޔާގެ ކާރިޘާތަކާބެހޭ އިދާރާތަކުންބުނީ މިހާތަނަށް 195 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާކަމަށާއި ޙާޅުގައި ޖެހި، އެހީއަށް އެދުނު 51 މީހުން ސަލާމަތްކޮށްފައިވާކަމަށެވެ.
ދެކުނު ކޮރެޔާގެ ސަރަޙައްދުތަކުގެ ތެރެއިން ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އުލްސާންއާއި ބޫސާނަށެވެ. އެ ދެ ސިޓީގައި ޗަކަ ފޭބުމުގެ ގިނަ ހާދިޘާތަކެއް ހިނގައި އެތައް ބައެއްގެ ގެދޮރުވަނީ ހަލާކުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި ދަތުރު ނުކުރެވޭ ވަރަށް ޙާލަތު ގޯސްވުމުން ހައިވޭތަކާއި ފާލަންތައްވަނީ ބަންދުކޮށްފައެވެ. އަދި ބައެއް ސަރަޙައްދުތަކުންވަނީ ކަރަންޓު ކެނޑިފައެވެ.
ދެކުނު ކޮރެޔާއަށް އެންމެ ގިނަ ޢަދަދަކަށް ވާރޭވެހެނީ ޖުލައި މަހުގެ ތެރޭގައެވެ. ޢާންމުގޮތެއްގައި ޖުލައި މަހުގެ ތެރޭގައި ވެރިރަށް ސޯލަށް 15.5 އިންޗީގެ ވާރޭ ވެހެއެވެ. އަދި ބޫސާނަށް 12.5 އިންޗީގެ ވާރޭވެހެއެވެ. މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މިހާތަނަށް ބޫސާނަށްވަނީ 22.5 އިންޗީގެ ވާރޭ ވެހިފައެވެ.