ކޯވިޑް-19ން ރަނގަޅުވެފައިވާކަމަށް ބުރެޒިލުގެ ރައީސް ޖައިޚް ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ.
ޖުލައި މަހުގެ 7ވަނަ ދުވަހު ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރެއްވި ރައީސް ބޮލްސޮނާރޯ ރަނގަޅުވަންދެން ހުންނެވީ ރިޔާސީ ގަނޑުވަރުގައި އެކަހެރިވެވަޑައިގެންނެވެ. އާލާސްކަންފުޅާއެކުވެސް އޭނާވަނީ މަޤާމުގެ މަސްޢޫލިއްޔަތު ޢަދާކުރައްވައިފައެވެ. ބަލިން ރަނގަޅުވުމުން ބުރެޒިލުގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރައްވާނެކަމަށް ބޮލްސޮނާރޯވަނީ ވިދާޅުވެފައެވެ.
ބަލި ޖެހިފައިވާކަން އެނގިވަޑައިގަތުމުގެ ފަހުން ދެ ފަހަރަށް ބައްޔަށް ތަހުލީލުކުރުމުންވެސް ހަށިގަނޑުގައި ބަލީގެ އަސަރު ހުރިކަމަށް ނަތީޖާއިންވަނީ ދައްކައިފައެވެ. ނަމަވެސް އެންމެ ފަހުން ކުރި ތަހުލީލުން އޭނާގެ ހަށިގަނޑުގައި ބަލީގެ އަސަރު ނެތްކަން ޔަޤީންވެފައިވާކަމަށް ބޮލްސޮނާރޯވަނީ ވިދާޅުވެފައެވެ. އޭނާ އެކަން އިޢުލާންކުރެއްވީ މެލޭރިޔާއަށް ފަރުވާކުރުމަށް ބޭނުންކުރާ ހައިޑްރޮކްސީކްލޮރިކީން ބޭސް ފޮށްޓެއް ހިފަހައްޓަވައިގެން ހުންނަވާ ފޮޓޯއެއް މީސްމީޑިޔާގައި ޝާއިޢުކުރައްވަމުންނެވެ. ކޯވިޑް-19އަށް ފަރުވާ ދިނުމުގައި އެ ބޭސް ބޭނުންކުރުމާމެދުވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ނަމަވެސް ބޮލްސޮނާރޯވަނީ ބަލިން ރަނގަޅުވުމަށް އެ ބޭސް ބޭނުންކުރައްވާފައެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑަށް ކޯވިޑް-19ގެ އަސަރުކޮށްފައިވާ ބުރެޒިލުގެ ރައީސްވަނީ ކޯވިޑް-19އަކީ އާދައިގެ ރޯގާއެއްކަމަށް މީގެ ކުރިން ސިފަކުރައްވާފައެވެ. ބުރެޒިލުގައި 2.4 މިލިއަން މީހުންނަށް ބަލި ޖެހި، 86،500 މީހުންވަނީ މަރުވެފައެވެ.