ފަލަސްޠީނުގެ ޣައްޒާގައި ޤާއިމުކޮށްފައިވާ ޙަމާސް ޖަމާޢަތުގެ އަސްކަރީ މަރުކަޒުތަކަކަށް އިސްރާއީލުން ޙަމަލާދީފިއެވެ.
ފަލަސްޠީނުން ބުނީ އިސްރާއީލުން ޙަމަލާދީފައިވަނީ ޣައްޒާގެ ޚާން ޔޫނުސްއާއި ރަފަޙުގައި ޤާއިމުކޮށްފައިވާ ޙަމާސްގެ އަސްކަރީ މަރުކަޒުތަކަކަށެވެ. އެ ޙަމަލައިގައި ޙަމާސްގެ ބިންގަރާސްތަކަށާއި ސިމެންތި އުފައްދާ ކާރުޚާނާއަކަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ޙަމާސްއާ ދެކޮޅަށް އިސްރާއީލުން ޙަމަލާދީފައިވަނީ އެ ޤައުމުން ޣައްޒާއަށް ކަނޑައަޅާފައިވާ އަސްކަރީވެރިޔާ ބަދަލުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އެ ޙަމަލާއަކީ ހަމަނުޖެހުން އިތުރުކުރުމުގެ މަޤްޞަދުގައި ދީފައިވާ ޙަމަލާއެއްކަމަށް ޙަމާސުން ބުނެއެވެ.
ޙަމާސްއާއި އިސްރާއީލާ ދެމެދު ބޮޑު ހަމަނުޖެހުމެއް އެންމެ ފަހުން ހިނގާފައިވަނީ 2014ވަނަ އަހަރުއެވެ.