ޚަބަރު

ލުބުނާނުގެ ބޮޑު ގޮވުންތަކުގެ ތަޙުޤީޤުގައި އެފްބީއައިއިން ބައިވެރިވަނީ


އޮގަސްޓު މަހުގެ 4ވަނަ ދުވަހު ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ބާރުގަދަ ގޮވުންތަކެއްގެ ގޮވުމުގެ ސަބަބުން 172 މީހުން މަރުވި ހާދިޘާ ތަޙުޤީޤުކުރުމުގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، އެފްބީއައިއިން ބައިވެރިވާނެކަމަށް އެމެރިކާއިން ބުނެފިއެވެ.

ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނެއްގައި ހިންގި ނުރައްކާތެރި ހާދިޘާގައި 6000އަށް ވުރެ ގިނަ މީހުން ޒަޚަމްވެ ގިނަ ޢަދަދެއްގެ މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ބިލިއަނުން ޢަދަދުކުރެވޭ ގެއްލުންތަކާއެކު ބައިރޫތުގެ ބޮޑު ސަރަޙައްދެއްވަނީ ބިމާ ހަމަވެފައެވެ. އެ ގޮވުންތަކުގެ އަސްލަކީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޮނިއަމް ނައިޓްރޭޓެވެ.

ބައިރޫތުގެ ސުންނާފަތިވެފައިވާ ސަރަޙައްދުތައް ބައްލަވާލައްވަމުން އެމެރިކާގެ ސިޔާސީ ކަންކަމާބެހޭ އަންޑަރ ސެކެޓްރީ ޑޭވިޑް ހޭލް ވިދާޅުވީ ސަރުކާރު ހިންގުމުގައި ލުބުނާނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށް ރައްޔިތުންނަށްވާ ވަޢުދުތައް ފުއްދުމަށް އިޤްތިޞާދީ އަދި މާލީ އިސްލާހުތައް ގެންނަންޖެހޭކަމަށެވެ. ހޭލް ވިދާޅުވީ ލުބުނާނާއި އެހެން ބައިނަލްއަޤްވާމީ ފަރާތްތަކުން ބައިވެރިވާ ތަހުޤީޤުގައި އެފްބީއައިއިން ބައިވެރިވުމަށް ލުބުނާނުން އެދިފައިވާކަމަށާއި އެފްބީއައިއިން ވަރަށް އަވަހަށް އެ ފަރާތްތަކާ ގުޅޭނެކަމަށެވެ.

ލުބުނާނުގެ ރައީސް މިޝެލް އައުންވަނީ އެ ހާދިޘާ މެދުވެރިވީ ފަރުވާކުޑަކަމުގެ ސަބަބުންތޯ ނުވަތަ އިތުރު ބައެއްގެ ބައިވެރިވުމާއެކުގައިތޯ ބަލަމުންދާ ކަމަށެވެ. ފަރަންސޭސިވިލާތުން ނަގާފައިވާ އެ ސަރަޙައްދުގެ ސެޓެލައިޓު ފޮތޯތައް ޙިއްޞާކުރުމަށް އައުންވަނީ އެދިވަޑައިގެންފައެވެ. ހާދިޘާ ހިނގި ސަރަޙައްދު ބަލައި ތަޙުޤީޤުކުރުމަށް އިނގިރޭސިވިލާތުގެ ކަނޑުމަތީ ސިފައިންގެ އުޅަނދެއްވެސްވަނީ ބައިރޫތަށް މިސްރާބުޖަހައިފައެވެ.