ޚަބަރު

ބެއިރޫތުގެ ގޮވުންތަކާ އިސްރާއީލާ ގުޅުމެއް ވާނަމަ ބަދަލު ހިފާނަން - ޙިޒްބުﷲ


ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހިންގި ބޮޑު ގޮވުންތަކުގެ ފަހަތުގައި އިސްރާއީލުގެ އަތެއް ވާނަމަ އެކަމުގެ ބަދަލުހިފާނެކަމަށް ލުބުނާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ޙިޒްބުﷲއިން ބުނެފިއެވެ.

މިމަހުގެ މަހުގެ 4ވަނަ ދުވަހު ބެއިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނެއްގައި ހިންގި ނުރައްކާތެރި ހާދިޘާގައި 6000އަށްވުރެ ގިނަ މީހުން ޒަޚަމްވެ ގިނަ ޢަދަދެއްގެ މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ބިލިއަނުން ޢަދަދުކުރެވޭ ގެއްލުންތަކާއެކު ބެއިރޫތުގެ ބޮޑު ސަރަޙައްދެއްވަނީ ބިމާ ހަމަވެފައެވެ. އެގޮވުންތަކުގެ އަސްލަކީ އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި ގުދަންކޮށްފައިހުރި 2،750 ޓަނުގެ އެމޮނިއަމް ނައިޓްރޭޓުކަމަށް އިބްތިދާޢީ ތަހުޤީޤުތަކަށްވަނީ ފާހަގަވެފައެވެ.

ޙިޒްބުﷲގެ އިސްވެރިޔާ ސައްޔިދު ޙަސަން ނަސްރުﷲ ބުނީ ބައިރޫތުގެ ގުދަނެއްގައި ރޯވެ ބޮޑެތި ގޮވުންތަކެއް ގޮވި ގޮތުގެ ތަހުޤީޤުގެ ނަތީޖާއަށް އެޖަމާޢަތުން މަޑުކުރަމުންދާކަމަށެވެ. އެޙާދިޘާ މެދުވެރިވުމުގައި އިސްރާއީލުގެ ބައިވެރިވުން ވާނަމަ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމަގެ އިންޒާރު އޭނާވަނީ ދީފައެވެ. އެހެންނަމަވެސް އިސްރާއީލުންވަނީ އެ ޙާދިޘާ މެދުވެރިވުމުގައި އިސްރާއީލުގެ އެއްވެސް އަތެއް ނުވާނެކަމަށް ބުނެފައެވެ.

އިސްރާއީލާ ދެކޮޅަށް ހިޒްބުﷲއިން އިންޒާރުދީފައިވަނީ މި ވަގުތަކީ ލުބުނާނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިވާންވީ ވަގުތުކަމަށާއި އެއްވެސް ބައެއްގެ އަމިއްލަ މަޞްލަޙަތު އިސްކޮށްގެން ނުވާނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފް ގޮވާލައްވާފައިވަނިކޮށެވެ. ލުބުނާނަށް ގިނަ ޤައުމުތަކުން އެހީތެރިކަން ހުށަހެޅި ނަމަވެސް ލުބުނާނުގެ ދަޢުލަތަށް އިސްލާހީ ބަދަލުތައް ގެނައުމަށް ބައެއް ޤައުމުތަކަކުންވަނީ ޝަރުޠުކޮށްފައެވެ. ސިޔާސީ މަޤުސަދެއް ޙާޞިލްކުރުމަށް ބައެއްގެ ނިކަމެތިކަމާއި ދަތި ޙާލަތުގެ ނާޖާއިޒު ފައިދާ ނެގުމަކީ އިންސަނިއްޔަތާ ޚިލާފު ޢަމަލެއްކަމަށް ޒާރިފްވަނީ ވިދާޅުވެފައެވެ.