ޚަބަރު

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން އައު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ


އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން އައު ކުރުމަށް އެމެރިކާއިން ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

އެމެރިކާއިން ވަނީ އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގައި ހަމަވުމުން އެއެއްބަސްވުން އަލުން އައު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.
އޮގަސްޓު މަހުގެ 14ވަނަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި ނެގި ވޯޓުގައި އެ މަޖިލީހުގެ ދާއިމީ މެންބަރުންކަމުގައިވާ ރަޝިޔާއާއި ޗައިނާއިން ވޯޓުދިނީ އެމެރިކާގެ ހުށަހެޅުމާ ދެކޮޅަށެވެ.

ފަރަންސޭސި ވިލާތާއި ޖަރުމަނު ވިލާތާއި އިނގިރޭސި ވިލާތް ހިމެނޭގޮތަށް 11 ޤައުމަކުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. ހުށަހެޅުމާ އެއްކޮޅަށް ވޯޓުދިނީ ހަމައެކަނި އެމެރިކާއާއި ޑޮމިނިކަން ރިޕަބްލިކުންނެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން ކުރާ ޤައުމުތައް ކަމުގައިވާ ރަޝިޔާއާއި ޗައިނާ އާއި އެމެރިކާއާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް، މިއިން އެއްވެސް ޤައުމަކުން ހުށަހެޅުމާ ދެކޮޅު ހަދައިފިނަމަ ފާހެއް ނުކުރެވޭނެއެވެ. ހުށަހެޅުން ފާސްކުރުމަށް ސަލާމަތީ މަޖިލީހުގެ 9 ޤައުމުގެ ތާޢީދުވެސް ބޭނުންވެއެވެ.

ވޯޓުގެ ނަތީޖާއިން ހަނި މަސްލަހަތަށްޓަކައި ކުރާ މަސައްކަތްތަކަށާއި ގަނާކޮށްގެންނާއި ބިރުދައްކައިގެން ވަކި ގޮތަކަށް ނިންމުންތައް ނިންމުމަށް ޤައުމުތަކުން ޖާގަނުދޭނެކަން ހާމަވެގެންދާކަމަށް އދ.އަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒެންގު ހަންވަނީ ވިދާޅުވެފައެވެ. ނަމަވެސް ވޯޓާ ގުޅޭގޮތުން ނެރުއްވި ބަޔާނެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވިދާޅުވީ ބައިނަލްއަޤްވާމީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ނާކާމިޔާބުވެފައިވާކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އީރާނަށް ހަތިޔާރު ވިއްކުން މަނާކުރާ އެއްބަސްވުން އައު ކުރުމުގައި އެމެރިކާއިން ނާކާމިޔާބުވެއްޖެނަމަ 2015ވަނަ އަހަރުގެ ނިއުކުލިއާ އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އދ.ން އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން ރުޖޫޢަކުރާނެކަމުގެ އިންޒާރު އެ އެއްބަސްވުމުން 2018ވަނަ އަހަރު ވަކިވި އެމެރިކާއިންވަނީ ދީފައެވެ.

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެލީ ކުރާފްޓު ވިދާޅުވީ އެމެރިކާއިން ވަޢުދުވި ގޮތަށް ހަތިޔާރު ވިއްކުން މަނާކުރުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެކަމަށެވެ.

ޚާރިޖީ ފަރާތްތަކުން ބުނީ އެމެރިކާއިން އެގޮތަށް ޢަމަލުކޮށްފިނަމަ މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް ނިއުކުލިއަރ އެއްބަސްވުމަށް އިތުރު ގޮންޖެހުންތައް ކުރިމަތި ވާނެކަމަށެވެ. ނިއުކުލިއަރ ޙަރަކާތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަކީ އީރާނުން އެފަދަ ޙަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް ލިބޭ ހިތްވަރެއްކަމުން ދަތިކުރުމުގެ ފިޔަވަޅުތައް ރުޖޫޢަކޮށްފިނަމަ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އީރާނަށް ބާރުދޭ ސަބަބެއް ނޯންނާނެއެވެ.

އދ.އަށް ކަނޑައަޅާފައި ހުންނަވާ އީރާނުގެ ސަފީރު މާޖިދު ތަޚްތު ރަވަންޗީ ވިދާޅުވީ އެމެރިކާގެ މަޤުސަދު ޙާޞިލްކުރުމުގައި އެ ޤައުމަށް ވާގިވެރިވާ ކޮންމެ ޤައުމަކުން އެ ނިންމުމުގެ ސަބަބުން އުފެދޭ މައްސަލަތަކުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެކަމަށެވެ.