ޑޮމިނިކަން ރިޕަބްލިކުގެ އައު ރައީސް ލުއިސް އަބިނެޑަރު މަޤާމުގެ ހުވައިކުރައްވައިފިއެވެ.
މިދިޔަ މަހުގައި ޑޮމިނިކަން ރިޕަބުލިކުގައި ބޭއްވި ރިޔާސީ އިންތިޚާބު އަބިނެޑަރު ކާމިޔާބުކުރެއްވީ ފާއިތުވި 16 އަހަރު އެ ޤައުމުގައި ވެރިކަން ކުރަމުންދިޔަ ޑޮމިނިކަން ލިބަރޭޝަން ޕާޓީ، ޕީއެލްޑީ ބަލިކުރެއްވުމަށް ފަހުގައެވެ. އޭނާގެ މޮޑަން ރިވޮލިއުޝަނަރީ ޕާޓީ، (ޕީއާއުއެމުން) ވަނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ 32 ގޮނޑީގެ ތެރެއިން 18 ގޮނޑި ކާމިޔާބުކޮށް، ތިރިގޭގެ 190 ގޮނޑީގެ ތެރެއިން 92 ގޮނޑި ކާމިޔާބުކޮށްފައެވެ.
ޤާނޫނު ހަދާ މަޖިލީހާ މުޚާތަބުކުރައްވާ ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ރައީސް އަބިނެޑަރު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ޤައުމަށް ކުރިމަތިވެފައިވާކަމަށާއި ޤައުމުގެ އިޤްތިޞާދަށް ނޭދެވޭ ބޮޑެތި އަސަރުތައް ކޮށްފައިވާކަމަށެވެ. އެ ޤައުމުގެ މައި އިޤުތިޞާދީ ޙަރަކާތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާޢަތަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވާ އަބިނެޑަރު ވިދާޅުވީ ޤައުމަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިތަގުމަށް ފަސޭހަ ނުވާނެކަމަށާއި ވަގުތު ނަގާނެކަމަށެވެ.
ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ޤައުމުގެ ދަރަނި ދެ ގުނައަށް އިތުރުވެފައިވާކަމަށާއި ޑެފިސިޓުވެސް ޤައުމުގެ ތާރީޚުގައި ބޮޑުނުވާ މިންވަރަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އެފަދަ ބޮޑެތި މައްސަލަތަކަށް އެއްފަހަރާ ކުރިމަތިލާން އެއްވެސް ސަރުކާރަކަށް ޖެހިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.