މާލީގެ ސިފައިން ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާއާއި ބޮޑުވަޒީރު ބޫބޫ ސީސާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ޚަބަރުތަކުން ބުނެފިއެވެ.
ރޮއިޓަރސް ނޫސް އިދާރާއިންވަނީ ސިފައިންގެ ބެލުމުގެ ދަށުގައި ރައީސާއި ބޮޑުވަޒީރު ރައީސް ކީތާގެ ގެކޮޅުގައި ތިއްބެވިކަމަށް ބުނެފައެވެ. މީގެ އިތުރުން، ސިފައިންގެ ބެލުމުގެ ދަށަށް ރައީސްއާއި ބޮޑުވަޒީރު ގެންގޮސްފައިވާކަމަށް ބަޣާވަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ފަރާތުން އޭއެފްޕީ ނޫހަށް އަންގާފައިވާކަމަށް އެ ނޫހުންވެސް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް ރަސްމީ މަސްދަރަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މާލީގެ ވެރިރަށް ކައިރީގައި އޮންނަ އަސްކަރީ މައި މަރުކަޒެއްގައި ހަތިޔާރު އެޅި ސިފައިންދަނީ ބަޣާވާތް ކުރަމުންނެވެ. އެ ޤައުމުގައި ސިޔާސީ ހަމަނުޖެހުންތައް ހިންގަމުންދާތާ ގިނަދުވަސްތަކެއްވަނީ ވެފައެވެ. މިދިޔަ ޖޫން މަހުން ފެށިގެން ރައީސް އިސްތިޢުފާދިނުމަށް ގޮވާލައި އެ ޤައުމުގެ ރައްޔިތުންދަނީ މުޒާހަރާކުރަމުންނެވެ.
މުޒާހަރާތައް ބާއްވަމުންދިޔަ އިންޑެޕެންޑެންސް މޮނިއުމަންޓް ސަރަޙައްދަށް އެތައް ސަތޭކަ ރައްޔިތުން އެއްވެ ބައެއް ތަންތަނަށާއި މުދަލަށްދަނީ ގެއްލުންދެމުންނެވެ.