ދުނިޔެ

ޙަރީރީ އަވަހާރަކޮށްލުމުގައި ހިޒްބުﷲ މެމްބަރަކު ބައިވެރިވިކަމަށް ސާބިތުވެއްޖެ


ލުބުނާނުގެ ކުރީގެ ބޮޑުވަޒީރު ރަފީކް އަލްޙަރީރީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކުށް ސާބިތުވާކަމަށް އެ މައްސަލަ ބަލާ ބައިނަލްއަގުވާމީ ކޯޓުން ހުކުމްކޮށްފިއެވެ.

2015ވަނަ އަހަރު ދިން ބޮމުގެ ޙަމަލާއެއްގައި ކުރީގެ ބޮޑުވަޒީރު ޙަރީރީވަނީ އަވަހާރަކޮށްލާފައެވެ. އެ ހާދިޘާއަށްފަހު ލުބުނާނުގެ ސިޔާސީ ބާރުތަކުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތައްވަނީ ހިނގާފައެވެ. ޙަރީރީ އަވަހާރަކޮށްލުމުގައި ސޫރިޔާ ނުވަތަ ހަނގުރާމަވެރި ޖަމާޢަތް ހިޒްބުﷲގެ އަތެއްވާކަމަށްވަނީ ތުހުމަތުކޮށްފައެވެ.

ޙަރީރީގެ މަރާ ގުޅުން ހުރިކަމަށް ތުހުމަތުކުރެވޭ ހިޒްބުﷲއަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކުރުމަށް 2011ވަނަ އަހަރު ވަނީ އަމުރުނެރެފައެވެ. އަދި 2012ވަނަ އަހަރު އިތުރު 5 މީހަކާއި ދެކޮޅަށްވެސް ވަނީ ދަޢުވާ އުފުފާލައެވެ. ނަމަވެސް ހިޒްބުﷲއިން ވަނީ އެ ދަޢުވާތަކާ ދެކޮޅު ހަދައި އެ ދަޢުވާތަކަށް ބާރުދޭ އެއްވެސް ހެއްކެއް ނެތްކަމަށް ބުނެފައެވެ. މި މައްސަލާގައި ދައުވާ ކުރި މީހުންގެ ތެރޭގައި ހިޒްބުﷲގެ މުސްތަފާ ބަދްރުއްދީންވެސް ހިމެނެއެެވެ. އެހެންނަމަވެސް ސޫރިޔާގައި އެނާ މަރުވުމުން އެދަޢުވާތައްވަނީ ބާތިލްކޮށްފައެވެ.

ދައުވާލިބޭ ފަރާތްތައް ވީ ތަންތަން ހާމަކުރުމަށް ހިޒްބުﷲއިން ދެކޮޅު ހެދުމުން ޝަރީޢަތް ކުރިއަށް ގެންގޮސްފައިވަނީ ދަޢުވާ ލިބޭ ފަރާތްތަކުގެ ޣައިރު ހާޒިރުގައެވެ.

އދން ޤާއިމްކޮށްފައިވާ ސްޕެޝަލް ޓްރައިބިއުނަލް ފޯރ ލެބަނޮންއިން ޙަރީރީގެ މަރުގެ މައްސަލަ ބަލައި އިއްޔެ ކުރި ހުކުމުގައި ބުނީ ޙަރީރީ އަވަހާރަކޮށްލުމުގައި ހިޒްބުﷲގެ އިސްފަރާތްތަކާއި ސޫރިޔާގެ ސަރުކާރުގެ ސީދާ ބައިވެރިވުން ކަށަވަރުކޮށްދޭ ހެއްކެއް ފެނިފައިނުވާކަމަށެވެ. އެހެންމަވެސް ޙަރީރީ އަވަހާރަކޮށްލުމަކީ ސިޔާސީ މަޤުސަދެއް ހާޞިލްކުރުމަށް ދީފައިވާ ނިރުބަވެރި ޙަމަލާއެއްކަމަށް މައްސަލަ ބެއްލެވި ފަނޑުޔާރުން ވިދާޅުވިއެވެ.

ހުކުމުގައި ވަނީ ތުހުމަތު ކުރެވޭ މައި ފަރާތް ކަމުގައިވާ ސާލިމް ޖަމީލް އައްޔާޝުގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވާކަމަށާއި އޭނާއާއި ހިޒްބުﷲއާ ދެމެދު ގުޅުމެއްވާކަން ކަށަވަރު ވެފައިވާކަމަށެވެ. ޙަރީރީ އަވަހާރަކޮށްލުމަށް ދިން ޙަމަލާގައި މުހިންމު ދައުރެއް އައްޔާޝް ޢަދާކޮށްފައިވާކަމަށާއި އެ ޙަމަލާއާބެހޭ ގިނަ މަޢުލޫމާތު އޭނާއަށް އެނގޭކަމަށްވެސް މި ހުކުމްގައިވެއެވެ. އެހެންކަމުން ނިރުބަވެރި ޙަމަލާއެއް ދިނުމުގެ ކުށާއި ޙަރީރީއާއި އެ ހާދިޘާގައި މަރުވި އިތުރު 21 މީހުންގެ މަރުގެ ޒިންމާ އޭނާ އުފުލަންޖެހޭކަމަށް ކޯޓުންވަނީ ނިންމާފައެވެ.

ޙަމަލާގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އަނެއް ތިން މީހުން ޙަމަލާއާ ސީދާ ގުޅުވޭ ވަރަށް ހެކި ލިބިފައިނުވާކަމަށް ހުކުމްގައިވެއެވެ. އެހެންކަމުން ހިޒްބުﷲއަށް ނިސްބަތްވާ އެ ތިން މީހުންގެ ކުށެއް ނެތްކަމަށް ކޯޓުންވަނީ ނިންމާފައެވެ.

ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި ޙާރީރީ އަވަހާރަކޮށްލުމަށް ރާވަފައިވަނީ 2005ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 2ވަނަ ދުވަހަށް ފަހުގައިކަމަށްވުން ވަރަށް ގާތެވެ. އެ ދުވަހު ލުބުނާނުގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ލުބުނާނުގައި ޙަރަކާތްތެރިވަމުން ދިޔަ ސޫރިޔާގެ ސިފައިން އެ ޤައުމުން ވަގުތުން ވަގުތަށް ފޭބުމަށް ގޮވާލުމަށްވަނީ އެއްބަސްވެފައެވެ. އެ ބައްދަލުވުމުގައި ޙަރީރީވެސްވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މިިދޔަ 15 އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 1 ބިލިއަން އެމެރިކާ ޑޮލަރުވަނީ ޙަރީރީގެ މަރުގެ ތަހުޤީޤަށާއި ޝަރީޢަތަށް ޚަރަދުކޮށްފައެވެ. ސުންނީ މުސްލިމެއްކަމަށްވާ ޙަރީރީއަކީ ހުޅަނގުގެ ޤައުމުތަކާއި ގަލްފުގެ ޤައުމުތަކާއެކު ގާތް ގުޅުމެއް ބޭއްވެވި ބޭފުޅެކެވެ. އޭގެ ސަބަބުން އޭނާއަކީ ލުބުނާނަށް ނުފޫޒުފޯރުވާ އީރާނާއި ސޫރިޔާއަށް އޮތް ހުރަހެއްކަމަށް އޮތީ ފާހަގަވެފައެވެ.

ލުބުނާނުގެ ބޮޑުވަޒީރުކަން ފަސް ފަހަރެއްގެ މަތިން ކުރައްވާފައިވާ ޙަރީރީއަކީ 1975ވަނަ އަހަރުން 1990ވަނަ އަހަރަށް ކުރިއަށްދިޔަ ލުބުނާނުގެ ދާޚިލީ ހަނގުރާމައަށްފަހު ޤައުމު އަލުން އާރާސްތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.