ސަރުކާރާ ދެކޮޅަށް މާލީގެ ސިފައިން ބަޣާވާތްކޮށް އެ ޤައުމުގެ ރައީސް އިބްރާހިމް ބޫބަކުރު ކެއިތާއާއި ބޮޑުވަޒީރު ބޫބޫ ސީސާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަތާ ގަޑިއިރުތަކެއް ފަހުން ރައީސް ބޫބަކުރު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
މާލީގެ ދަޢުލަތުގެ ޓީވީ ޗެނަލުން ދެއްކި ވީޑިއޯއެއްގައި ވަރުބަލިވެފައި ހުރި ބޫބަކުރުވަނީ ޤައުމުގެ ދިފާޢީ ބާރުތަކުން އޭނާ ވެރިކަމުން ދުރުކުރަން ބޭނުންވާނަމަ އެއްވެސް އިޚްތިޔާރެއް އޭނާއަށް އޮތްތޯ ސުވާލުކުރައްވާފައެވެ. އަދި އިސްތިޢުފާ އިޢުލާނުކުރައްވާ ޤާނޫނު ހަދާ މަޖިލީސްވަނީ އުވާލައްވާފައެވެ. ބޫބަކުރު އިސްތިޢުފާ ދެއްވުމުން މާލީގެ އެތައް ސަތޭކަ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ އުފާ ފައުޅުކޮށްފައެވެ.
ބަޣާވާތުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތްތަކާއި އެމީހުން ކުރި ޝަރުތުތަކެއް މިހާތަނަށް އެނގިފައެއް ނުވެއެވެ. މި ޙާލަތުގައި ޤައުމުގެ ހިންގުމާ ޙަވާލުވާނީ ކޮން ފަރާތަކުން ކަމެއްވެސް ސާފެއް ނުވެއެވެ.
ހުޅަނގު އެފުރިކާގެ ޤައުމެއްކަމަށްވާ މާލީގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. ޤައުމުގައި ހިންގަމުންދާ ކޮރަޕްޝަނުގެ ޢަމަލުތަކާއި ކުރިމަތިވެފައިވާ ސަލާމަތީ މައްސަލަތަކުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެކަމަށް އެމީހުން ދިއައީ ބުނަމުންނެވެ. މުޒާހަރާތައް އިންތިޒާމުކުރުމުގައި އިސްކޮށް ޙާރަކާތްތެރިވި އެމްފައިވް-އާރުއެފްޕީ އިއްތިޙާދުން ބުނީ ބަޣާވާތަށް ތާޢީދުކުރާކަމަށާއި އެއީ އަސްކަރީ ބަޣާވާތެއްގެ ބަދަލުގައި މަޤުބޫލު ބަސްނޭހުމެއްކަމަށެވެ.
އދއާއި އެފްރިކަން ޔޫނިއަނާއި ގިނަ ޤައުމުތަކަކުންވަނީ ބަޣާވާތް ކުށްވެރިކޮށްފައެވެ. އަދި އޭގެ ސަބަބުން މާލީގެ ޙާލަތު އިތުރަށް ގޯސްވެދާނެކަމުގެ ކަންބޮޑުވުންވަނީ ފާޅުކޮށްފައެވެ.