ދުނިޔޭގެ އެންމެ ބޮޑު ޗަކަބިންކަމުގައިވާ ބުރެޒިލުގެ ޕަންޓަނަލްގައި އަލިފާން ރޯވެ އެ ސަރަޙައްދުގެ މައި ހައިވޭއާ ދިމާލަށް ހުޅުގަނޑު ފެތުރެން ފަށައިފިއެވެ.
މިމަހުގެ 15 ދުވަހު ރޯވި އަލިފާންގަނޑު ފުރަތަމަ ދުވަހުވެސް 3،121 އަކަ މީޓަރު ބޮޑު ސަރަހައްދަކަށް ހުޅުގަނޑު ފެތުރިފައިވާކަމަށް ބުރެޒިލުގެ ޖައްވީ އިދާރާއިންވަނީ ބުނެފައެވެ. މި އަހަރުގެ ޖަނަވަރީ މަހާއި ޖުލައި މަހާ ދެމެދު ޕަންޓަނާލް ސަރަޙައްދުގެ 8،500 ކިލޯމީޓަރު ނުވަތަ އެ ސަރަޙައްދުގެ 6 އިންސައްތައިގައި ރޯވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. މިހާރު ރޯވެ އަދަމުންދާ ވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ 1998ވަނަ އަހަރުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އަލިފާނުގެ އެންމެ ގިނަ ހާދިޘާ ހިނގި މަހަށް މި މަސްވެގެންދާނެކަމަށް ހަބަރުތައް ބުނެއެވެ.
ހުޅުގަނޑު ނިއްވާލުމަށް ކުރަމުންދާ މަސައްކަތް ބައްލަވާލުމަށް ޕަންޓަނަލަށް ޒިޔާރަތްކުރައްވާ ބުރެޒިލުގެ ތިމާވެއްޓާބެހޭ ވަޒީރު ރިކާޑޯ ސާކެސް ވުދާޅުވީ ޖައްވު ހޫނުވެ ތެތްކަމެއް ނެތުމުގެ ސަބަބުންނާއި ގަދަ ވަޔާއި ހޫނުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. ރޯވެފައިވާ ހުޅުގަނޑުތައް ނިއްވާލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ދިޔަ ނަމަވެސް ޕަންޓަނަލް ސަރަޙައްދުގެ ގަސްގަހާއި ގެއްސަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ޕަންޓަނާލް ސަރަޙައްދަކީ ދިރުންތައް އެންމެ މުއްސަނދި އެއް ސަރަޙައްދެވެ. މި ސަރަހައްދުގައި 4700 ވުރެ ގިނަ ބާވަތްތަކުގެ ޖަނަވާރު ދިރިއުޅެއެވެ. މީގެތެރޭގައި ދުނިޔެއިން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ޖަގުއާ ފަދަ ޖަނަވާރުތައްވެސް ހިމެނެއެވެ.
ޕަންޓަނަލްގައި ހިންގަމުންދާ އަލިފާނުގެ ހާދިޘާތައް އިތުރުވެފައިވަނީ ބުރެޒިލުގެ ދެކުނުގައި އޮންނަ އެމޭޒޮން ޖަންގަލީގައިވެސް އަލިފާނުގެ ގިނަ ހާދިޘާތައް ހިންގަމުންދާ ދުވަސްވަރެއްގައެވެ. އޮގަސްޓު މަހުގެ ކުރީކޮޅުގައި ގިނަ ޢަދަދެއްގެ އަލިފާނުގެ ހާދިޘާތައްވަނީ އެމެޒޮން ޖަންގަލީގައި ހިނގާފައެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހިނގި ހާދިޘާތަކަށްވުރެ 17 އިންސައްތަ ދަށް ޢަދަދެކެވެ.