މޮރީޝަސްގެ ފަރަކަށް އަރައި ތެޔޮ ލީކުވަމުންދާ ޖަޕާނުގެ ބަލްކު ކެރިއަރުގެ ކައްޕި ހައްޔަރުކޮށްފިއެވެ.
އެމްވީ ވަކަޝިކޯ ކިޔާ ޖަޕާނުގެ ތެޔޮ ބޯޓަކުން މޮރީޝަސްގެ ފަރަކަށް އުރުނީ ޖުލައި މަހުގެ 25ވަނަ ދުވަހުގައެވެ. އޮގަސްޓު މަހުގެ 6ވަނަ ދުވަހު އެ ބޯޓުންވަނީ ތެޔޮ ފައިބަން ފަށައިފައެވެ. އޭގެ ސަބަބުން ތިމާވެށީގެ ކުއްލި ޙާލަތު އެ ޤައުމުގައިވަނީ އިޢުލާނުކޮށްފައެވެ. މޮރިޝަސްގެ ފުލުހުންގެ އިދާރާއިން ބުނީ ބޯޓުގެ ކައްޕިއާއި އިތުރު ފަޅުވެރިއަކު ހައްޔަރުކޮށްފައިވާކަމަށެވެ. ކޯޓަށް ހާޒިރުކުރުމުން ކަފާލާތުގެ ދަށުން އެމީހުން ދޫކޮށްލުމުގެ ޙުއްދަ ފަންޑިޔާރު ދެއްވާފައިނުވާކަމަށާއި އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް އެ އިދާރާއިން ބުންޏެވެ.
ބައެއް މަސްދަރުތަކުން ބުނާގޮތުގައި ދެން ޙައްޔަރުކޮށްފައިވަނީ ކައްޕީގެ ދަށުން އެންމެ އިސްކޮށް ދެން ހުންނަ ފަރާތެވެ. އެނގިފައިވާ ގޮތުގައި ދެ މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ރައްކާތެރި ނިޔަމިކަމަށް ނުރައްކާކޮށްފައިވާކަމުގެ ދަޢުވާއެވެ. ނަން ހާމަނުކޮށް ވާހަކަދެއްކި ކަނޑުމަތީގެ ކަންކަމާބެހޭ ސަރުކާރުގެ މަސްދަރަކުން ބުނީ ބޯޓު ފަރަށް އެރުމުގެ ކުރިން އެ އުޅަނދު ދަތުރުކުރަމުންދަނީ ނުބައި މިސްރާބަކަށްކަން އެނގުމަށް މޮރީޝަސްގެ ކަނޑުމަތީ ކޯސްޓު ގާޑުން ތަކުރާރުކޮށް މަސައްކަތް ކޮށްފައިވާކަމަށެވެ. ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް އެ ފަރާތުން ބުންޏެވެ. އޭނާ ބުނީ ބޯޓު ފަރަށް އެރުމުގެ ފަސް ދުވަސް ކުރިން ދަތުރުކުރުމަށް ކަނޑައަޅާފައިވާ މަގު ރަނގަޅު ނޫންކަމަށާއި ބޯޓުގެ ނިޔަމިކަމާބެހޭ ނިޒާމުތަކުން އެކަން ބޯޓުގެ ފަޅުވެރިންނަށް އަންގާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ. ބެލެވޭ ގޮތުގައި އެ ނިޒާމުތަކުން ދިން އިންޒާރަށް ބޯޓުގެ ފަޅުވެރިންވަނީ އަޅައިނުލައި ދޫކޮށްލައިފައިކަމަށް އޭނާ ބުންޏެވެ.
އެމްވީ ވަކަޝިއޯއަކީ ދިގުމިނުގައި 299.5 މީޓަރު ހުންނަ އަދި ފުޅާ މިނުގައި 50 މީޓަރު ހުންނަ ތެޔޮ އުފުލުމަށް ޚާއްޞަ އުޅަނދެކެވެ. އެ ބޯޓުގައި 4،000 ޓަނުގެ ތެޔޮ ހުރިކަމަށް ރަސްމީ ފަރާތްތަކުންވަނީ ބުނެފައެވެ. އޭގެ ތެރެއިން 1،000 ޓަނުގެ ތެޔޮ ބޭރުވެ، ތެލުގެ އަސަރުވަނީ އެއްގަމާއި ކަނޑުގެ ސަރަޙައްދާ ހަމައަށް ފޯރާފައެވެ. ބޯޓުން ފޭބި ތެޔޮގަނޑުގެ ސަބަބުން ނާޒުކު ފަރުތަކަށް އަސަރުކޮށް ކަނޑުގެ ދިރުންތަކަށްވަނީ ނުރައްކާވެފައެވެ. ސައިންސުވެރިން ބުނީ އެއީ މޮރީޝަސްއަށް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތިމާވެށީގެ ކާރިޘާކަމަށެވެ. ފަރަށް އަރައިފައިވާ ބޯޓުވަނީ އޮގަސްޓު މަހުގެ 16ވަނަ ދުވަހު ދެ ފަޅިއަށް ބިންދައިގެން ގޮސްފައެވެ. ނަމަވެސް ބޯޓު ބިންދައިގެން ދިއުމުގެ ކުރިން އޭގައި ހުރި ގިނަ ޢަދަދެއްގެ ތެޔޮވަނީ ބޯޓުން ބާލައިފައެވެ.
ފަތުރުވެރިންގެ މެދުގައި މަގުބޫލު މޮރިޝަސްއަށް އަހަރަކު 1.3 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ މިދިޔަ އަހަރު އެ ސިނާޢަތުން 1.6 ބިލިއަން އެމެރިކާ ޑޮލަރު އެ ޤައުމަށް ލިބުނެވެ. ސައިންސުވެރިން ބުނީ ތެޔޮ ބަންޑުންވުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ނޭދެވޭ އަސަރުތަކުގެ ހަޤީޤީ ބޮޑުމިން އަދި ސާފު ނުވި ނަމަވެސް އެ ކާރިޘާގެ ސަބަބުން ކުރިއަށްއޮތް އަހަރުތަކުގައި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވާ މޮރިޝަސްގެ އިޤްތިޞާދަށާއި ޤުދުރަތީ ދިރުންތަކަށް ބޮޑެތި އަސަރުތައް ކުރާނެކަމަށެވެ.