ރަސްފަނު ތަރައްޤީކުރިއިރު ބޮޑުތަކުރުފާނު މަގުން ވެލި އަޅާ ބަންދުކުރި ސަރަޙައްދުގައި އަލުން ގައު އަތުރާ، މާލެ ވަށައި ވެހިކަލް ދުއްވޭގޮތަށް ހަމަޖައްސައިފިއެވެ.
މާލޭގެ ބޮޑުތަކުރުފާނުމަގުން މާލެ ވަށައި ދުއްވޭނޭހެން ހުޅުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅެކެވެ. ރަސްފަންނު ހެދުމަށް ކުރީގެ ސަރުކާރުން ބޮޑުތަކުރުފާނު މަގުގައި ފަސްއަޅައި ބަންދުކުރި ސަރަޙައްދު ހުޅުވާލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.
މި މަސައްކަތް މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީންނެވެ. އެ ކުންފުނިން މި މަސައްކަތްކޮށްފައި ވަނީ މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް މަރާމާތުކުރުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިންނެވެ. ރަސްފަންނު ހެދުމަށްޓަކައި މ. ރާވެރިގެއިން ފެށިގެން ވެސްޓްޕާކާއި ހަމައަށް ބޮޑުތަކުރުފާނުމަގުގައި ގާތްގަނޑަކަށް 2 ފޫޓަށް ވެލި އަޅާފައިވަނީ ކުރިން ދުއްވަން ބޭނުންކުރި މަގުގެ ގާތައްވެސް ނުނަގައެވެ.
އެހެންކަމުން އާރް.ޑީ.ސީން ވަނީ އެތަނަށް އަޅާފައިވާ ވެލިތައް ނެގުމަށްފަހު، ވެހިކަލްތަކަށް ފަސޭހައިން ދުއްވޭނޭހެން ގައު އަތުރާފައެވެ. އެމަގު އަލުން ހުޅުވާލާފައި ވަނީ އެތަނުގައި ދުވާ މީހުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓްރެކްވެސް ނެގުމަށްފަހުގައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، ވެލިމަގު ހުޅުވާލުމާއެކު އެ ސަރަޙައްދުގެ ޓްރެފިކް ބެލެހެއްޓުމުގެ ކަންކަން ފުލުހުން ކުރަމުންދާނެކަމަށެވެ. އަދި މާލޭގައި ދަތުރުކުރާ ދެވަނަ ބަސް ރޫޓުގެ ބަސް ސްޓޮޕެއް އެސް.ޓީ.އޯ އިމާރާތްކައިރީގައި ހެދުމަކީވެސް ޕްލޭނެއްކަމަށާއި، އެ މަސައްކަތް މިހާރު ޓްރާންސްޕޯޓް މިނިސްޓްރީއާއި ގުޅިގެން ކުރަމުންދާކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ، އެ ސަރަޙައްދުގައި މާ ގިނަ ޓްރެފިކް ނިޝާންތަކެއް މިވަގުތު ހަރުކޮށްފައިނެތްނަމަވެސް ޓްރެފިކް ޑައިވާޓްކޮށްފައި ވާކަމަށެވެ.
ފެބްރުއަރީ މަހު އެ މަގު ހުޅުވާލުމުގެ މަސައްކަތް ފެށިނަމަވެސް، އެ މަސައްކަތް މަޑުޖެހުނީ ކޯވިޑް-19ގެ ސަބަބުންކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މި މަޝްރޫއުގެ ދަށުން ކުރިން ވެސްޓްޕާކު ހުރި ސަރަހައްދުގައި ހިންގަމުންދިޔަ ގާޑިޔާތައް ނަގާ، އެ ސަރަޙައްދުވެސް ވަނީ ހުސްކޮށްފައެވެ.
މާލޭގެ މަގުތައް މަރާމާތުކުރުމަށް ކުރިއަށްގެންދާ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން ފުރަތަމަ ތަރައްޤީ ކުރުމަށް ރާވާފައި ވަނީ މާލޭގެ އެންމެ ހުޅަނގުންނެވެ. ރަސްފަނު ހެދުމަށް ބަންދުކުރިމަގު އަލުން ހުޅުވާލުމާއެކު ޓްރެފިކަށް ބާރުބޮޑުނުވެ، ކަނބާއައިސާރަނި ހިނގުން އަދި އެމަގާއި ގުޅިފައިހުރި ގޯޅިތައް ތަރައްޤީކުރެވިގެންދާނެކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.