ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތްތަކާއި އިސްރާއީލާ ދެމެދު ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.
އޮގަސްޓު މަހުގެ 6ވަނަ ދުވަހުން ފެށިގެން އިސްރާއީލުންދަނީ ކޮންމެ ދުވަހަކުހެން ޣައްޒާއަށް ޙަމަލާދެމުންނެވެ. ޤަތަރުން މެދުވެރިވެ އިސްރާއީލާއި ހަމާސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އިސްރާއީލުން ދެމުންދާ ވައިގެ ޙަމަލާތައް ހުއްޓާލައި، ހަމާސުން ޙަމަލާދިނުން ހުއްޓާލާނެކަމަށް ފަލަސްޠީނުގެ ރަސްމީ ފަރާތަކުންވަނީ ބުނެފައެވެ.
ހަމާސުން ބުނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވީ އެއްބަސްވުމުގެ ދަށުން ޣައްޒާގައި މަޝްރޫޢުތައް ހިންގުމަށް މަގުފަހުވާނެކަމަށާއި ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނގަދޫތަކުން އަރައިގަތުމަށް ފުރުޞަތު ލިބިގެންދާނެކަމަށެވެ. އިސްރާއީލުން ބުނީ ޣައްޒާއަށް މުދާ ގެންދާ މަގުތައް އަލުން ހުޅުވުމުގެ ޙުއްދަދީ 15 މޭލުގެ ސަރަޙާއްދެއްގައި މަސްވެރިކަން ކުރުމުގެ ޙުއްދަ ދީފައިވާކަމަށެވެ.
ނަމަވެސް ހަމާސުން އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އިސްރާއީލުން ފިޔަވަޅު އަޅާނެކަމަށާއި ޣައްޒާގެ ރައްޔިތުންނަށް ދީފައިވާ ލުއިތައް ބަރޯސާވަނީ އަމާންކަމާ ސަލާމަތްތެރިކަން ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ.