15 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފަލަސްޠީނުގައި އިންތިޚާބެއް ބޭއްވުމަށް އެޤައުމުގައި ހަރަކާތްތެރިވާ ފަތަޙަ އާއި ޙަމާސްއިން އެއްބަސްވެއްޖެއެވެ. ފަލަސްޠީނުގައި އެންމެ ފަހުން އިންތިޚާބެއް ބާއްވާފައިވަނީ 2006 ވަނައަހަރުއެވެ.
އިންތިޚާބު ބޭއްވުމަށް އެއްބަސްވުމަކާއި ހަމައަށް މި އާދެވުނީ އެ ޤައުމުގެ ރައީސް މަޙްމޫދު ޢައްބާސްގެ ފަތަޙަ ޙަރަކާތާއި ޙަމާސްއާ ދެމެދު ހިންގަމުންދާ ދާޚިލީ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. މި ހަމަނުޖެހުންތައް ހިގަމުން އަންނަތާ މިހާރުވަނީ 10 އަހަރުވެފައެވެ.
އެއްބަސްވުމަކާއި ހަމައަށް މި ޖަމާއަތުން މި އައީ މިދިޔަ މަހުގެ ތެރޭގައި އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ޔޫއޭއީ އާއި ބަހުރައިނުން ނިންމުމުންނެވެ. އެ ނިންމުމަކީ ފަލަސްޠީނުގެ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް މާޔޫސްވެފައިވާ ނިންމުމަކަށްވާތީ، ޤައުމުގެ މަސްލަހަތަށް މަސައްކަތްކުރުމަށް ހުރިހާ ޖަމާއަތްތަކުން އެއްގަލަކަށް އަރަންޖެހޭކަމަށް ޖަމާއަތްތަކުން ވަނީ އެއްބަސްވެފައެވެ.
ފަލަސްޠީނުން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ ބިންތައް އިސްތިޢުމާރުކޮށްފައިވާ އިސްރާއީލާއެކު ޢަރަބި ޤައުމުތަކުން ގުޅުން ބަދަހި ކުރުމަކީ އެ ޤައުމާ ދެކޮޅަށް ވެވޭ ޚިޔާނާތެކެވެ. އެފަދަ ގުޅުމެއް އިސްރާއީލާއެކު ޤާއިމްކުރުމަށް ނިންމި ނިންމުމަކީ ފަލަސްޠީނުން އަމިއްލަ ދަޢުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށް އެޅޭ ހުރަހެއްކަމަށް މީގެ ކުރިން އެ ޤައުމުންވަނީ ސިފަކޮށްފައެވެ.
ހަމާސްގެ ފަރާތުން ވާހަކަދެއްކި ސާމީ އަލީ ޒުހުރީ ބުނީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ސަރުކާރާއި ހަމާސްގެ އިސްވެރިން ބައްދަލުކޮށް ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ. ފަތަހަގެ ފަރާތުން ވާހަކަދެއްކެވި އިބްރީލް އަލްރަޖޫބު ވަނީ އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާކަން ޔަޤީންކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚު އިޢުލާނުކުރެއްވުމަށް ރައީސް ޢައްބާސް ރިޔާސީ އަމުރެއް ނެރުއްވާނެކަމަށެވެ. ނަމަވެސް އިންތިޚާބު ބާއްވާނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށާއި ފުރަތަމަ ބާއްވާނީ ޤާނޫނު ހަދާ މަޖިލީހުގެ އާންމު އިންތިޚާބުކަމަށް އޭނާ ވިދާޅުވިއެވެ. އެއަށްފަހު އައު ރައީސެއް ހޮވުމަށް ވޯޓުލާނެއެވެ. އެންމެ ފަހުން ވޯޓުލާނީ ފަލަސްޠީނު ލިބަރޭޝަން އޯގަނައިޒޭޝަނަށް މެންބަރުން ޢައްޔަނުކުރުމަށެވެ.
2007ވަނަ އަހަރު ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި އިސްރާއީލާއި ހުޅަނގުގެ ގިނަ ޤައުމުތަކުން ދެކޭ ހަމާސްގެ ބާރުގެ ދަށަށް ޣައްޒާ ސްޓްރިޕު ގެނައުމުން ސަރުކާރާއި ހަމާސާ ދެމެދު އުފެދުނު މައްސަލަތައް ހައްލުނުކުރެވި ވަނީ ދިގުލައިގެން ގޮސްފައެވެ. އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ގިނަ ސަރަޙައްދުތައް އޮންނަނީ ހުޅަނގުގެ ޤައުމުތަކުން ވާގިވެރިވާ ރައީސް މަޙްމޫދު ޢައްބާސްގެ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ.