ޚަބަރު

އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގެ ޞިއްޙަތާބެހޭ ވަޒީރު އިސްތިޢުފާ ދެއްވައިފި


އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުގެ ޞިއްޙަތާބެހޭ ވަޒީރު، ޖެނީ މިކަސޮސް އިސްތިޢުފާ ދެއްވައިފިއެވެ.

އޮސްޓްރޭލިއާއަށް އެނބުރި އަންނަ މީހުން ކަރަންޓީނުކުރުމަށް މެލްބަންގައި ބޭނުންކުރަމުންދިޔަ ހޮޓާތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ވިކްޓޯރިއާ ސްޓޭޓުގައި ކޯވިޑް-18 ފެތުރޭ މިންވަރުވަނީ އިތުރުވެފައެވެ. އެހެން ސްޓޭޓުތަކާ ޚިލާފަށް ވިކްޓޯރިއާ ސްޓޭޓުގެ ކަރަންޓީނު މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވަނީ ސަލާމަތީ ބާރުތަކުގެ ބަދަލުގައި އަމިއްލަ ފަރާތްތަކަށެވެ. ކަރަންޓީނު މަރުކަޒުތަކުގެ ޒަރިއްޔާއިން މުޖުތަމަޢުއަށް ބަލި ފެތުރި، އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ސްޓޭޓު ފުރަބަންދުކުރުމަށްވަނީ މަޖުބޫރުވެފައެވެ. އަދި ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތު އިތުރަށް ގޯސްވުމުގެ ފުރުޞަތުވަނީ އިތުރުވެފައެވެ.

ކަރަންޓީނު މަރުކަޒުތަކުގައި ކަން ހިންގައިދިޔަ ގޮތާ ގުޅޭގޮތުން ސުވާލުކުރުމަށް ބޮޑުވަޒީރު އެންޑްރޫޒް ކަމާބެހޭ ފަރާތްތަކުން ހާޒިރުކުރުމުން އޭނާ ވިދާޅުވީ އެ ހޮޓާތައް ބެލެހެއްޓުމަށް އަމިއްލަ ސަލާމަތީ ކުންފުނިތަކަށް ޙަވާލުކުރުމަށް ނިންމީ ސަރުކާރުގެ ކޮން ފަރާތަކުންކަން އެނަގިވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް ކަރަންޓީނުކުރުމުގެ ކަންކަން ރާވައި ބަލަހައްޓަމުންދިޔަ ރަސްމީ ފަރާތްތަކުން ބަލި ފެތުރިދާނެ ޙާލަތްތަކުގެ މައްޗަށް ރިޢާޔަތްކޮށް އެފަދަ ޙާލަތެއް މެދުވެރިނުވާނެގޮތަށް ކަންކަން ރާވާ ފަރުމާކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ޒިންމާ ނަންގަވަންޖެހޭނީ ޞިއްޙަތާބެހޭ ވަޒީރު މިކަކޮސްކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 26ވަނަ ދުވަހު މިކަސޮސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވިކްޓޯރިއޯ ސްޓޭޓުގެ ކަރަންޓީނު އުސޫލުތަކާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ތަހުޤީޤުކުރަން ޖެހޭނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު، ޑެނިއަލް އެންޑްރޫސް ވިދާޅުވެފައިވާތީ މަޤާމުގައި ދެމިހުންނެވުން ރަނގަޅު ނޫންކަމަށް އެކަމަނާ ޤަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19 ފެތުރެން ފެށީންސުރެ އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ވިކްޓޯރިއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރެއްވުމަށްކަމަށެވެ. އޭނާގެ ޒިންމާތަކަށް ފަރުވާކުޑަކޮށްފައިނުވާނެކަމަށާއި ހުރިހާ ޒިންމާއަކީ އެކަމަނާގެ އެކަނި ޒިންމާއެއް ނޫންކަމަށެވެ. އޭނާ ކުރައްވާފައިވާ މަސައްކަތާމެދު ސުވާލު އުފައްދާފައިވާތީ އެކަމާ ހިތާމަކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. ބޮޑުވަޒީރު ދެއްކެވި ހުރިހާ ވާހަކައަކާ އެއްބަސްވެވަޑައިނުގަންނަވާކަމަށްވެސް އޭނާގެ ބަޔާނުގައި ވިދާޅުވިއެވެ.

އޮސްޓްރޭލިއާގައި މިހާތަނަށް 27،015 މީހުންނަށް ކޯވިޑް-19ޖެހި 870 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރެއިން 20،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ވިކްޓޯރިއާ ސްޓޭޓުގައެވެ. އެއީ ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ 75 އިންސައްތައެވެ. ވިކްޓޯރިއާގައި ބަލިޖެހިފައިވާ މީހުންގެ 90 އިންސައްތައަކީ ހޮޓާތަކާ ގުޅުންހުރި ކޭސްތައްކަމަށް ގައިންގަޔަށްއަރާ ބަލިތަކާބެހޭ މާހިރުންވަނީ ފާހަގަކުރައްވާފައެވެ.