ޚަބަރު

ޓްރަންޕުގެ ޙާލުކޮޅު އަންނަނީ ރަނގަޅުވަމުން، ވަރަށް އަވަހަށް ދޫކޮށްލާނެކަމަށް ބެލެވޭ


ކޯވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކުރައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ޙާލުކޮޅު އަންނަނީ ރަނގަޅުވަމުންކަމަށާއި އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހު އަނބުރާ ވައިޓު ހައުސަށް ވަޑައިގަތުން އެކަށީގެންވާކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

ރައީސް ޓްރަންޕަށާއި އެމަނިކުފާނުގެ އަނބިކަންބަލުން މިލޭނިއާ ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަމަށް އިޢުލާނުކުރައްވާފައިވަނީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައެވެ. އޭގެ ފަހުން އެމަނިކުފާނުވަނީ ވޮލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މިޑިކަލް ސެންޓަރުގައި އެޑްމިޓްކޮށްފައެވެ. ކޯވިޑް-19އަށް ފަރުވާ ދިނުމަށް ދެ ފަހަރެއްގެ މަތިން ރައީސް ޓްރަންޕަށް އޮކްސިޖަން ގުޅާފައިވާކަމަށް އެމަނިކުފާނުގެ ޑޮކްޓަރުންވަނީ ހާމަކުރައްވާފައެވެ. އޮކްސިޖަންގެ އިތުރުން ޑެކްސަމެތަސޯން ކިޔާ ބޭހެއްވެސް ޓްރަންޕަށް އަރުވާފައިފައިވާކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

ޑެކްސަމެތަސޯންއަކީ ކޯވިޑް-19ގެ ސަބަބުން ޙާލުދެރަވެ ނޭވާލުމަށް އިތުރު އޮކްސިޖަން ބޭނުންވާ މީހުންނަށް ފަރުވާދިނުމުގައި ރަނގަޅު ނަތީޖާ ދައްކާފައިވާ ބޭހެކެވެ. ނަމަވެސް ބަލީގެ ސަބަބުން ޙާލަތު މާ ބޮޑަށް ގޯސްނުވާ މީހުންނަށް އެ ބޭސް ދިނުމަކީ ރަނގަޅުކަމެއް ނޫންކަމަށް އިންފެކްޝަސް ޑިޒީސް ސޮސައިޓީ އޮފް އެމެރިކާއިންވަނީ ބުނެފައެވެ. ބަލީގެ ސަބަބުން ބޮޑުވަރު ނުވާ މީހުންނަށް އެ ބޭސް ދީފިނަމަ ވައިރަހާ ދެކޮޅަށް ހަށިގަނޑުން މަސައްކަތްކުރުމުގެ ބާރު ދެރަވާކަމަށް އެ ފަރާތުންވަނީ ފާހަގަކޮށްފައެވެ.

ވޮލްޓާ ރީޑް ހޮސްޕިޓަލުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަންޕުގެ ޑޮކްޓަރެއްކަމަށްވާ ޑރ. ޝޯން ޕީ ކޮންލޭ ވިދާޅުވީ ޓްރަންޕުގެ ޙާލުކޮޅު ރަނގަޅުކަމަށެވެ. އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުން ފެށިގެން ހުމުގެ އަސަރެއް ނެތްކަމަށާއި 5 ދުވަހުގެ މުއްދަތަށް ދެމުންދާ ރެމްޑެޒިވާ ބޭހުގެ ދެވަނަ ޑޯސް ދިނުމުންވެސް އެމަނިކުފާނުގެ ޗިސްމެއާއި ކިޑްނީގެ ހިނގުން ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ. އެ ބޭސްތަކުގެ އިތުރުން ތަހުލީލީ ބޭހެއްކަމަށްވާ ރެޖްއެން-ކޮވް2އާއި އިތުރު ބޭސްތައްވެސް ރައީސް ޓްރަންޕަށް ދެމުންދާކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ.

ޓްރަންޕުގެ ބަލިޙަލަތާ ގުޅޭގޮތުން ރަސްމީ އެކި ފަރާތްތަކުންވަނީ ތަފާތު ދެގޮތަކަށް ވާހަކަދައްކަވާފައެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަދެއްކެވި ވައިޓު ހައުސްގެ ޑޮކްޓަރުންގެ ޓީމަކުން ބުނީ ރައީސް ޓްރަންޕުގެ ޙާލުކޮޅު ރަނގަޅުވަމުން އަންނަކަމަށާއި އަނބުރާ ވައިޓުހައުސަށް ވަޑައިގަތުމާގުޅޭގޮތުން އެމަނިކުފާނު ވާހަކަދައްކަވަމުންދާކަމަށެވެ.

ނަމަވެސް އޭގެ އިރުކޮޅެއްފަހުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައިޓު ހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯސް ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރައީސް ޓްރަންޕުގެ ޞިއްޙަތާގުޅޭ ކަންބޮޑުވާ ބައެއް ކަންކަން ފާހަގަވެފައިވާކަމަށާއި ކުރިއަށްއޮތް 48ގަޑިއިރަކީ ބަލީގެ ކަންކަމުގައި މުހިންމު ވަގުތަކަށް ވާނެކަމަށެވެ. ނަމަވެސް އޭގެ ގަޑިއިރުކޮޅެއް ފަހުން އޭނާ ވިދާޅުވީ ރައީސްގެ ޙާލުކޮޅު ވަރަށް ރަނގަޅުކަމަށާއި އެމަނިކުފާނުގެ ޙާލަތާމެދު ޑޮކްޓަރުން ހިތްހަމަޖެހޭކަމަށް ވިދާޅުވެ ރާގު ބަދަލުކުރައްވާފައެވެ.