އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ އޭޝިޔާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ކުރުކުރައްވަން ނިންމަވައިފިއެވެ.
ކުރިން ހަމަޖެހިފައި އޮތީ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހުން ފެށިގެން މި މަހުގެ 8ވަނަ ދުވަހާހަމައަށް އޭޝިޔާގެ ތިން ޤައުމަކަށް ދަތުރުކުރެއްވުމަށެވެ. އެއީ ޖަޕާނާއި މޮންގޯލިއާއާދި ދެކުނު ކޮރެއާއަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕަށް ކޯވިޑް-19 ޖެހި ހަސްފަތާލުގައި އެނދުމަތިކޮށްފައިވުމުން ދަތުރުގައި ޕޮންޕެއޯ ޒިޔާރަތްކުރައްވާނީ ހަމައެކަނި ޖަޕާނަށް ކަމަށާއި އޮކްޓޯބަރު މަހުގެ 6ވަނަ ދުވަހު އެމެރިކާއަށް އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ބުނެފައެވެ.
ޖަޕާނަށް ކުރައްވާ ދަތުރުފުޅުގައި އެ ޤައުމުގެ ރަސްމީ ފަރާތްތަކުގެ އިތުރުން އިންޑިޔާއާއި އޮސްޓްރޭލިއާގެ ޚާރިޖީ ވަޒީރުންނާވެސް ބައްދަލުކުރައްވާނެއެވެ. މި މަހު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކުރުކޮށްލުމަށް ނިންމަވާފައިވާނަމަވެސް މި މަހުގެ އެހެން ތާރީޚެއްގައި ކުރިން ރާވާފައިވާގޮތަށް ދަތުރެއް ކުރައްވާނެކަމަށް ބެލެވޭކަމަށް އެ ވުޒާރާއިން ބުންޏެވެ.
ރައީސް ޓްރަންޕަށާއި އޭނާގެ އަނބިކަނބަލުން މިލޭނިއާ ޓްރަންޕަށް ކޯވިޑް-19 ޖެހިފައިވާކަން އިޢުލާނުކުރައްވާފައިވަނީ އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހުގައެވެ. އޭގެ ފަހުން އެމަނިކުފާނުވަނީ ވޮލްޓާ ރީޑް ނޭޝަނަލް މިލިޓަރީ މިޑިކަލް ސެންޓަރުގައި އެނދުމަތިކޮށްފައެވެ. ހަސްފަތާލުގައި ހުންނަވާ ވީޑިއޯ މެދުވެރިކޮށް ރައީސް ދޮނުއްވި މެސެޖެއްގައި ވިދާޅުވީ އޭނާގެ ޙާލު ރަނގަޅުކަމަށާއި ކުރިއަށް އޮތް ދުވަސްތަކަކީ ބައްޔާގުޅޭ ކަންކަމުގައި މުހިންމު ދުވަސްތަކަކަށް ވާނެކަމަށެވެ.