ޚަބަރު

ސްރީ ލަންކާގެ ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފި


ސްރީ ލަންކާގައި މުޖުތަމަޢުގެ ތެރެއިން އަނެއްކާވެސް ކޯވިޑް-19 ފެނުމުން އެ ޤައުމުގެ ސްކޫލްތައް އަނެއްކާވެސް ބަންދުކޮށްފިއެވެ.

ހެދުން އުފައްދާ ކާރުޚާނާއެއްގައި މަސައްކަތްކުރާ އަންހެނަކަށް ކޯވިޑް-19 ޖެހިފައިވާކަން ޔަޤީންވީ ގަދަ ހުމެއް އައުމުގެ ސަބަބުން ހަސްފަތާލުގައި އެޑްމިޓްކުރުމަށްފަހު ދޫކޮށްލުމުގެ ކުރިން ކޯވިޑް-19އަށް ތަހުލީލުކުރުމުންނެވެ. އޭނާއާއި އޭނާގެ ޢާއިލާގެ މެންބަރުން މިހާރުވަނީ ކަރަންޓީނުކޮށްފައެވެ.

ދަތުރުކުރުމުގައާއި މަސައްކަތުގެ މާޙައުލުގައި އަދި އެނޫންވެސް ގޮތްގޮތުން އޭނާއާ ބައްދަލުވެފައިވާ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތުދެއެވެ. އެ އަންހެން މީހާގެ ފިރިމީހާއަކީ އޮޓޯ ދުއްވާ މީހަކަށްވާތީ އަދި އޭނާގެ ދަރިއަކު މަދަރުސާއަށް ހާޒިރުވާތީ މުޖުތަމަޢުގައި އިތުރަށް ބަލި ފެތުރިފައި އޮތުމުގެ ފުރުޞަތު ބޮޑެވެ.

ސްރީ ލަންކާގެ ޞިއްޙަތާބެހޭ ވަޒީރު ޕަވިތުރާ ވަންނިއަރިޗީ ވިދާޅުވީ އެ ޤައުމުގެ ގަންޕަހާ ޑިސްޓްރިކްޓުން ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައިވާތީ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުން ފެށިގެން މަދަރުސާތައް ބަންދުކުރަން ނިންމާފައިވާކަމަށެވެ. ބަލިޖެހިފައިވާ މީހާއާ ބައްދަލުވެފައިވާ މީހުން ފާހަގަކުރުމުގެ މަސައްކަތްކުރިއަށްދާތީ އޭގެ ކުރީ ދުވަހުވެސް މަދަރުސާތަކުގައި ކިޔެވުން ބާއްވާފައެއް ނުވެއެވެ. ސްރީ ލަންކާގެ މިނުވަންގޮޑާ އަދި އިވުލަޕިޓިޔާ ސަރަޙައްދުގައި މިހާރުވަނީ ކަރަންޓީނު ކާފިއުއެއް ހިންގާފައެވެ. ކަމާބެހޭ އިދާރާތަކުންވަނީ ފާއިތުވި ދުވަސްތަކުގައި އެ ދެ ސަރަޙައްދުން ދަތުރުކުރި މީހުންވެސް ސަމާލުވުމަށް އަންގައިފައެވެ.

ސްރީ ލަންކާގައި މިހާތަނަށް 3،402 މީހުންނަށް ބަލިޖެހި 13 މީހުންވަނީ މަރުވެފައެވެ. ފަހުގެ ދުވަސްތަކުގައި ސްރީ ލަންކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންނަކީ ބޭރު ޤައުމުތަކުން އެ ޤައުމަށް އެނބުރި އަންނަ މީހުންނަށެވެ. މުޖުތަމަޢު ތެރެއިން ބަލިފެނިފައި މިވަނީ ގިނަ ހަފުތާތަކަކަށް ފަހުގައެވެ.