ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން އެމެރިކާގެ ނިއުޔޯކު ސިޓީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އަނެއްކާވެސް ނިންމައިފިއެވެ.
މިހާތަނަށް 7.6 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ނިއު ޔޯކު ސްޓޭޓުގައި 463،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 251،000 މީހުންނަށް ބަލިޖެހިފައިވަނީ ނިއު ޔޯކު ސިޓީގައެވެ. އެ ސިޓީގައި 23،844 މީހުންވަނީ ކޯވިޑް-19ގެ ސަބަބުން މަރުވެފައެވެ. މިދިޔަ މާރިޗު މަހާއި އޭޕްރިލް މަހުގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހެމުން ދިޔައީ ނިއުޔޯކު ސިޓީގައެވެ.
ބުރުކުލިންއާއި ކުއީންސްގައި ޙާލަތު ގޯސްވެފައިވާ ބައެއް އަވަށްތަކުގައި ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ތަހުލީލުކުރާ މީހުންގެ 3 އިންސައްތައަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރާ އަވަށްތަކުގެ ތެރޭގައި ސައުތު ބުރުކްލިން އަދި ފާ ރޮކްއަވޭގެ އިތުރުން ސެންޓްރަލް ކުއީންސްގެ ސަރަޙައްދުތައް ހިމެނެއެވެ. ފިޔަވަޅުތައް ވަރުގަދަކުރާ ނުވަ އަވަށުގެ އިތުރުން 11 އިތުރު އަވަށެއްގައި ބަލިފެތުރޭ މިންވަރާއި މެދުވެސް ކަންބޮޑުވުންވަނީ އިތުރުވެފައެވެ.
ނިއު ޔޯކު ސިޓީގެ މޭޔަރު ބިލް ޑީ ބްލާސިއޯ ވިދާޅުވީ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން އެ ސިޓީގެ ނުވަ އަވަށެއްގެ މަދަރުސާތަކާއި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް ދޭ ވިޔަފާރިތައް ބަންދުކުރުމަށް ހުށަހަޅުއްވާފައިވާކަމަށެވެ.
މަދަރުސާތަކުގައި ބަލި ފެތުރިފައި ނުވާކަން ފާހަގަކުރައްވަމުން މޭޔަރު ޑީ ބްލާސިއޯ ވިދާޅުވީ މަދަރުސާތަކާއި ވިޔަފާރިތައް ބަންދުކުރުމަށް ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫންކަމަށެވެ. ނަމަވެސް އައު މަޢުލޫމާތުގެ އަލީގައި އައު ފިޔަވަޅުތައް އަޅަންވާނެކަމަށާއި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގައި ލިބިފައިވާ ކުރިއެރުންތައް ބޭކާރުވިޔަ ދީގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ބަންދުކުރަން ހަމަޖެހިފައިވާ ސަރަޙައްދުތަކަށް އިތުރު ވަޞީލަތްތައް ފޯރުކޮށްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ޑީ ބްލާއިއޯގެ ހުށަހެޅުން ތަންފީޒުކުރުމަށް ގަވަރުނަރު އެންޑްރޫ ކޫމޯގެ ޙުއްދަ ބޭނުންވާނެއެވެ. އައު ފިޔަވަޅުތައް އެޅުމަށް ނިންމާފައި މިވަނީ 1،800 މަދަރުސާ ހިމެނޭ ނިއު ޔޯކު ސިޓީގެ ތަޢިލީމީ ނިޒާމު އަލުން ހުޅުވައިލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.