ކުޅިވަރު

ސެމީއަށް ދިއުމުގެ ފުރުޞަތު ހުރިހާ ޓީމަކަށްވެސް އެބައޮތް






ޕްރެޒިޑެންޓްކަޕް ސެމީފައިނަލަށް ދިއުމުގެ ފުރުޞަތު
އަދި ނުގެއްލޭކަމަށާއި، ހުރިހާ ޓީމަކަށްވެސް ފުރުޞަތު އެބައޮތްކަމަށް އީގަލްސްގެ
ކޯޗު އިހުސާން އަބުދުލްޣަނީ ބުނެފިއެވެ. ޕޮއިންޓަކުން ފުރަތަމަ މެޗު ނިންމާލަން
ޖެހުނު މެޗަށްފަހު އޭނާ ބުނީ ސެމީއަށް އަދި ދެވޭނެކަމަށާއި، ގްރޫޕްގެ ހުރިހާ
ޓީމަށްވެސް ފުރުޞަތު އެބައޮތްކަމަށެވެ.



ނަމަވެސް އިހުސާން ބުނީ މާދަމާ ވެލެންސިޔާ އަތުން
މޮޅުވާން ބޭނުންނަމަ ވިކްޓްރީ މެޗުގައި ދެއްކި ކުޅުން ދައްކައިގެން
ނުވާނެކަމަށެވެ. ކުޅުން ރަނގަޅުކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ.



" ފުރުޞަތު ހުރިހާ ޓީމަކަށްވެސް އެބައޮތް.
މާޒިޔާ މޮޅުވުމުން އެޓީމަށް އޮތް ފުރުޞަތު ބޮޑު. ނަމަވެސް ހަތަރު ޕޮއިންޓް
ހޯދައިގެންވެސް ސެމީއަށް ދެވޭނެ. " އިހުސާން ބުންޏެވެ.



ވެލެންސިޔާގެ ކޯޗު މުޙައްމަދު އިޤްބާލް ބުނީ މާޒިޔާ
މެޗުގައި ދެއްކި ކުޅުން ތަކުރާރުކުރެއްވިއްޖެ ނަމަ ކުރިއަށް އޮތް ދެމެޗު ކާމިޔާބުކޮށް،
ސެމީއަށް ދެވިދާނެކަމަށެވެ. ހަމައެކަނި އިތުރަށް ކުރަން ޖެހޭކަމަކީ ލަނޑު
ޖެހުންކަމަށެވެ.



" އެގޮތަށް ކުޅެފިއްޔާ މޮޅުވެވޭނެ.
އިތުރަށްކޮށްލަންވީ ކަމަކީ ފުރުޞަތު ހޯދައި ލަނޑު ޖެހުން." އިޤްބާލް
ބުންޏެވެ.



ގްރޫޕް ދޭއްގެ ތިންވަނަ މެޗުގައި ވެލެންސިޔާއާއި
އީގަލްސް ވާދަކުރާނީ މާދަމާ ހަވީރުއެވެ. މެޗު ކުޅޭނީ އައްޑޫ ސިޓީގައެވެ.