ޕޯލެންޑުގެ ރައީސް އަންދުރުޒެޖް ޑޫޑާއަށް ކޯވިޑް-19ޖެހިއްޖެއެވެ. ރައީސް ޑޫޑާގެ ތަރުޖަމާނު ބުލާޒެޖް ސްޕައިޝަލްސްކީ ވިދާޅުވީ އުމުރުން 48 އަހަރުގެ ރައީސް ޑޫޑާ ކޯވިޑް-19އަށް ތަހުލީލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 23ވަނަ ދުވަހުގައިކަމަށެވެ. އެމަނިކުފާނު ބައްޔަށް ޕޮޒިޓިވް ވެފައިވާ ނަމަވެސް ރައީސްގެ ޙާލުކޮޅު ރަނގަޅުކަމަށް އޭނާ ވިދާޅުވިއެއެވެ.
ރައީސް ޑޫޑާ މިހާރު ހުންނެވީ އެކަހެރިވެވަޑައިގެންނެވެ. ޞިއްޙީ ފަރުވާދޭ ފަރާތްތައް ގެންދަނީ ބަލަންޖެހޭ ކަންކަން ގާތުން ބަލަމުންކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހުގައި ރައީސް ޑޫޑާވަނީ ޓަލިންގައި އޮތް ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. އެ ޙަރަކާތުގައި ބަލްގޭރިއާގެ ރައީސް ރުމެން ރާޑެވްއާއި ޑޫޑާ ވަނީ ބައްދަލުވެވަޑައިގެންފައެވެ. އޭގެ ފަހުން ބައްޔަށް ޕޮޒިޓިވްވި ދުވަހުގައިވެސް ވާސޯގެ ޤައުމީ ދަނޑަށް ޒިޔާރަތްކުރައްވާ، އެތަނުގައި ޤާއިމްކުރަމުންދާ ފީލްޑް ހަސްފަތާލުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ޑޫޑާވަނީ ބައްލަވާލައްވައިފައެވެ.
އޭގެ އިތުރުން މި މަހުގެ ކުރީކޮޅުގައި ބޭއްވި ފުރެންޗު އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރި ޕޮލެންޑުގެ ޓެނިސް ކުޅުންތެރިޔާ 19 އަހަރުގެ އިގާ ސްވިއަޓެކާއި އޭނާގެ ބައްޕައާއި ކޯޗާވެސް ރައީސް ޑޫޑާވަނީ ބައްދަލުކުރައްވާފައެވެ. ދަޢުލަތުގެ ޝަރަފެއް އިގާ އަށް އެރުވި އެ ރަސްމިއްޔާތުގައި ރައީސް ޑޫޑާ އަދި އިގާގެ ޢާއިލާއިންވެސް ވަނީ މާސްކާއި އަންގި ބޭނުންކޮށްފައެވެ.
ޑޫޑާއަށް ކޯވިޑް-19 ޖެހިފައިވަނީ ޕޯލެންޑުގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. 241،946 މީހުންނަށް ބަލިޖެހި 4،351 މީހުން މަރުވެފައިވާ ޕޯލެންޑުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 13،628 މީހުންނަށް ބަލިޖެހި 179 މީހުންވަނީ މަރުވެފައެވެ.
ބަލިޖެހޭ މީހުންގެ ޢަދަދު ގިނަވުމުގެ ސަބަބުން ހަސްފަތާލުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެފައިވާކަމަށާއި އެހެން ބަލިތަކަށް ފަރުވާ ނުދެވުމުގެ ސަބަބުންވެސް ގިނަ ޢަދަދެއްގެ މީހުން މަރުވަމުންދާކަމަށްވެސް ޑޮކްޓަރުންވަނީ ފާހަގަކޮށްފައެވެ. އެ މައްސަލައަށް ޙައްލެއް ހޯދުމަށް ޕޯލެންޑުގެ ސަރުކާރުންދަނީ އޯޕަން ފީލްޑު ހަސްފަތާލުތައް ޤާއިމްކުރުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް އެ ތަންތަނުގައި ޚިދުމަތްކުރާނެ ޑޮކްޓަރުންނާއި ނަރުހުން ހޯދާނީ ކިހިނެތްކަމެއް ނޭނގެއެވެ.
ޕޯލެންޑުގެ ސަރުކަރުންވަނީ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުން ފެށިގެން އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެ ޤައުމުގެ ސަމާލުގެ މިންވަރު ރަތަށް މަތިކޮށް ރެސްޓޯރަންޓުތަކާއި ކެފޭތަކުން ހަމައެކަނި ދެވޭނީ ޓޭކްއަވޭގެ ޚިދުމަތްކަމަށްވަނީ އަންގައިފައެވެ. އަދި މާސްކު ބޭނުންކުރުންވެސްވަނީ މަޖުބޫރުކޮށްފައެވެ. އެއްފަހަރާ އެއްވެ އުޅޭވޭ މީހުންގެ ޢަދަދާއި ފިހާރަތަކަށް އެއްފަހަރާ ވަދެވޭ މީހުންގެ އެންމެ ގިނަ ޢަދަދާއި އާންމު ދަތުރުފަތުރުގެ ނިޒާމު އެއްފަހަރާ ބޭނުންކުރެވޭނެ މީހުންގެ ޢަދަދުވެސްވަނީ ކަނޑައަޅައިފައެވެ.