ދުނިޔެ

ދުނިޔޭގެ އެންމެ އުސް އިމާރާތްތަކާއި އެއްވަރުގެ ފަރެއް ފެނިއްޖެ


1،600 ފޫޓަށްވުރެ އުސް ފަރެއް އޮސްޓްރޭލިއާގެ ގުރޭޓް ބެރިއާ ރީފުން ފެނިއްޖެއެވެ. އެ ފަރުގެ އުސްމިން ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ އުސްމިނާ ގާތްކުރެއެވެ.

ގުރޭޓު ބެރިއާ ރީފުގައި ވަކިން އޮންނަ އެ ފަރަކީ ފާއިތުވި 120 އަހަރުގެ ތެރޭގައި ފެނިފައިވާ އެފަދަ ފުރަތަމަ ފަރެވެ. ކަނޑުގެ ދިރާސާތައްކުރާ ޝްމިޓް އޯޝަން އިންސްޓިޓިއުޓުން ބުނީ އެ ފަރު ފެނިފައިވަނީ އޮކްޓޯބަރު މަހުގެ 20ވަނަ ދުވަހުގައި ނޯތު ކުއިންސްލޭންޑުގެ ސަރަޙައްދުންކަމަށެވެ. އެ ހޯދުން ހޯދާފައިވަނީ އެ ސެންޓަރުގެ ރިސާޗު ބޯޓެއްކަމަށްވާ ފަލްކޯގައި މަޢުލޫމާތު އެއްކުރުމުގެ ދަތުރެއްގައި ކަނޑު އަޑީގެ އެންމެ ތިރީ ފަށަލައިގެ މެޕެއް ތައްޔާރުކުރުމުގެ މަސައްކަތްކުރުމުގެ ތެރޭގައިކަމަށް ޝްމިޓް އޯޝަން އިންސްޓިޓިއުޓުން ބުންޏެވެ.

އުސްމިނުގައި 500 މީޓަރު ހުންނަ އެ ފަރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އެމްޕަޔާ ސްޓޭޓު ބިލްޑިންގާއި ސިޑްނީ ޓަވަރާއި މެލޭޝިއާގެ ޕެޓްރޮނަސް ޓްވިން ޓަވަރަށްވުރެ އުސް ފަރެކެވެ. ސައިންސްވެރިންވަނީ ސުބާސްޓިއަން ކިޔާ ކަނޑުއަޑީގައި ޙާރަކާތްތެރިވާ ރޮބަޓެއް ބޭނުންކޮށްގެން އެ ފަރު ގާތުން ބަލައިފައެވެ.

ފުޅާމިނުގައި 1.5 މިލޯމީޓަރު ހުންނަ އެ ފަރު އޮންނަނީ 40 މީޓަރު އަޑީގައެވެ. އެ މަސައްކަތުގައި އިސްކޮށް އުޅުނު ރޮބިން ބީމަން ބުނީ އެ ހޯދުމުގެ ސަބަބުން ހައިރާންކަން ލިބުނުކަމަށާއި އެ ފަރުގެ 3ޑީ މެޕެއް ތައްޔާރުކުރުމުގެ އިތުރުން ސުބާސްޓިއަން ބޭނުންކޮށްގެން އެ ފަރު ބަލާލުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

ޝްމިޓް އޯޝަން އިންސްޓިޓިއުޓުގެ އެއް ބާނީކަމުގައިވާ ވެންޑީ ސްމިޓް ވިދާޅުވީ އެ ފަރު ފެނުމުން އަދިވެސް އިންސާނުންނަށް ހޯދިފައި ނުވާ އެތައް ބައިވަރު ދިރުންތައް ކަނޑުގައިވާކަން ޔަޤީންކޮށްދޭކަމަށެވެ. ކަނޑުގައިވާ އުފެދުންތަކާއި ދިރުންތަކާއި ބެހޭ މަޢުލޫމާތު އިންސާނުންނަށް ހޯދެނީ ވަކި މިންވަރަކަށް ނަމަވެސް އައު ޓެކުނޮލޮޖީއާއި އީޖާދުތަކުގެ ސަބަބުން ކަނޑު އަޑީގައި އިންސާނުންގެ ލޮލާއި ކަންފަތާއި އަތުގެ މަސައްކަތް ކޮށްދޭނެ އާލާތްތައް މިހާރު ހުރުމުގެ ސަބަބުން އިތުރު ފުރުޞަތުތައް ފަހިވެފައިވާކަމަށް ޝްމިޓް ވިދާޅުވިއެވެ.

އަލަށް ހޯދި ފަރުގެ އިތުރުން އެފަދަ ހަތް ފަރެއް ގުރޭޓު ބެރިއާ ރީފުގައި އޮވެއެވެ. އޭގެ ތެރޭގައި ރައިން އައިލެންޑު ކިޔާ ވެލާ އަރައި ރަށެއްގެ ފަރުވެސް ހިމެނެއެވެ. އޮސްޓްރޭލިއާގެ ގުރޭޓު ބެރިއާ ރީފަކީ ދުނިޔޭގެ އެންމެ ބޮޑު ފަރެވެ. އެ ފަރުގެ ބޮޑުމިނުގައި 133،000 އަކަ މޭލު ހުރެއެވެ. 1،500އަށްވުރެ ގިނަ ވައްތަރުގެ މަހާއި 411 ވައްތަރުގެ ހަރު މުރަކައާއި އެހެނިހެން ދިރުންތައް އެ ފަރުންވަނީ ފެނިފައެވެ. ނަމަވެސް ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ފަރުގައި ހުރި މުރަކައިގެ 50 އިންސައްތަ ފަނާވެ ގޮސްފައިވާކަމަށް ދިރާސާއަކުންވަނީ ދައްކާފައެވެ. އޭގެ މައިގަނޑު ސަބަބަނީ މޫސުމީ ބަދަލެވެ.