ދުނިޔެ

ޕޯޗުގަލްގައިވެސް ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރަނީ


ޕޯޗުގަލްގައި ކުއްލި ނުރައްކަލުގެ ޙާލަތު އަނެއްކާވެސް އިޢުލާނުކުރުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ޤާނޫނު ހަދާ މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ އެ ޤައުމުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، ޤައުމުގެ ޞިއްޙީ ނިޒާމަށް ހިފަހައްޓާނުލެވިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.

ކޯވިޑާއި ގުޅިގެން ޕޯޗުގަލްގައި ފުރަތަމަ ފަހަރަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. ހަ ހަފުތާއަށް ދެމިގެންދިޔަ އެ ޙާލަތުގައި އާންމުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގައިވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ދުވަސްވަރުގައި އެތައް ހާސް ވިޔަފާރިއެއްވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕޯޗުގަލްގައި މިހާތަނަށް 166،900 މީހުންނަށް ކޯވިޑް ޖެހި 2،792 މީހުން މަރުވެފައިވާ އިރު އެ ޤައުމުގައި ބަލި ފެތުރޭ މިންވަރުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5،550 މީހުންނަށް ބަލިޖެހި 52 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ.

މިދިޔަ ހޮނިހިރު ދުވަހުގައި ޕޯޗުގަލްގެ ސަރުކާރުންވަނީ މަދަނީ ޒިންމާ ޢަދާކުރުމުގެ ގޮތުން ވަޒީފާއަށާޢި މަދަރުސާއަށް ނުވަތަ ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ނޫން ގޮތަކަށް ބޭރުތެރެއަށް ނުކުމެ ނޫޅުމަށް އެ ޤައުމުގެ ރައްޔިތުންނަށް ނަސޭޙަތްތެރިވެފައެވެ. ނަމަވެސް ޤަވާއިދެއްގެ ގޮތުން އެކަން ތަންފީޒުކޮށްފައެއް ނުވެއެވެ. ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް އެފަދަ ފިޔަވަޅުތައް އަޅަން މެދުވެރިވެއްޖެ ޙާލަތެއްގައި އެޅުމުގެ ބާރު ކަމާއި ބެހޭ ފަރާތްތަކަށް ލިބޭނެއެވެ.

ޕޯޗުގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ސަބަބުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް މާ ބޮޑު ބަދަލެއް ނާންނާނެކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތު ޤާއިމްކުރުމުގެ ބޭނުމަކީ ސަރުކާރުން އަޅަންޖެހޭ ބައެއް ފިޔަވަޅުތަކަށް އެކަންކަން ކުރުމުގެ ޤާނޫނީ ހައިޞިއްޔަތު ލިބިދިނުންކަމުގައި ބޮޑުބަޒީރު ވިދާޅުވިއެވެ.